N/A
ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީގައި ގދ. ރަތަފަންދޫ އާއި ގދ. ނަޑެއްލާގައި މޫސުމީ ބަދަލުތަކުން ރައްކާތެރިވުމުގެ މަޝްރޫޢެއް ހިންގުމަށް އިކޮލޮޖިކަލް ސޮސައިޓީ އޮފް މޯލްޑިވްސް (އިކޯސޮމް) އިން ދަ އޭޝިއާ ފައުންޑޭޝަނާ އެކު އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
"ކްލައިމެޓް-ރެޒިލިއަންޓް ފެމިލީސް: ހޯމް-ލެވެލް ވޭސްޓް، ވޯޓާ އެންޑް އެނާޖީ ސޮލިއުޝަންސް" ގެ ނަމުގައި 10 މަސް ދުވަހުގެ މުއްދަތަށް ހިންގާ މި މަޝްރޫޢަކީ އީޔޫގެ "ސްޓްރެންތެނިންގ މޯލްޑިވިއަން ސިވިލް ސޮސައިޓީ" ޕްރޮގްރާމްގެ ދަށުން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ ކުނި މެނޭޖުކުރުމާއި، ސާފު ބޯފެނާއި، ހަކަތަ އިގުތިސާދުކުރުމުގެ ދާއިރާ އިން ގޭބިސީތަކަށް އަތްފޯރާފަށުގެ ހައްލުތަކެއް ހޯދައިދިނުމެވެ.
މި މަޝްރޫޢުގެ ދަށުން 15 އާއި 20 އާ ދެމެދުގެ ނަމޫނާ ގޭބިސީ ހޮވައި، ކުނިން ކާދު ތައްޔާރުކުރެވޭ އާލާތްތަކާއި، ފެން ފިލްޓަރާއި، ހަކަތަ ސަލާމަތްކޮށްދޭ އާލާތްތައް ހިމެނޭ "ކްލައިމެޓް-ރެޒިލިއަންޓް ހޯމް ކިޓްސް" ފޯރުކޮށްދޭނެއެވެ. އަދި އަންހެނުންނާއި ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުން ހިމެނޭ ގޮތަށް 60 އަށް ވުރެ ގިނަ ފަރާތްތަކަށް އަމަލީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް އިކޯސޮމް އިން ބުނެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދާނީ ދެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާ ގުޅިގެންނެވެ. މަޝްރޫޢު ނިންމައިލުމުގެ ގޮތުން "ކޮމިއުނިޓީ ކްލައިމެޓް ރެޒިލިއަންސް ޑޭ" އެއް ބާއްވައި، ތިމާވެއްޓާ ރައްޓެހި ނަމޫނާ ގެތައް ދައްކައިލުމާއި ކާމިޔާބީތައް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް