N/A
އިންޑިއާގެ ތަމިލް ނާޑޫ ސްޓޭޓް އެސެމްބްލީ އިންތިޚާބުގައި، ތަމިލް ސިނެމާގެ ސުޕާސްޓާ ވިޖޭ (ޖޯސެފް ވިޖޭ ޗަންދްރަސޭކަރު) 2024 ވަނަ އަހަރު އުފެއްދެވި ތަމިލަގަ ވެއްޓްރި ކަޒަގަމް (ޓީވީކޭ) އެންމެ ބޮޑު ޕާޓީގެ ގޮތުގައި ކުރީގައި އޮވެ، ތަމިލް ނާޑޫގެ ސިޔާސީ މަޝްރަހު ފުށުން ޖައްސައިލައިފިއެވެ.
މިއަދު ކުރިއަށްދާ ވޯޓު ގުނުމުގެ ނަތީޖާ ދައްކާ ގޮތުން ޓީވީކޭ 107 އަށް ވުރެ ގިނަ ގޮނޑީގައި ކުރީގައި އޮތް އިރު، ވެރިކަންކުރާ ދްރެވިދަ މުންނެތްރަ ކަޒަގަމް (ޑީއެމްކޭ) އޮތީ 57 ގޮނޑީގައި ކުރީގައެވެ. އޯލް އިންޑިއާ އައްނާ ދްރެވިދަ މުންނެތްރަ ކަޒަގަމް (އޭއައިއޭޑީއެމްކޭ) 51 ގޮނޑީގައި ކުރީގައި އޮތް އިރު، ސަރުކާރު އެކުލަވައިލެވޭ މެޖޯރިޓީ މާކް ކަމުގައިވާ 118 ގޮނޑިއާ ހަމައަށް އެއްވެސް ޕާޓީއަކުން އަދި ވާސިލުވެފައެއް ނުވެއެވެ.
މި އިންތިޚާބުގައި އެންމެ ބޮޑު ސިހުމަކީ ޗީފް މިނިސްޓަރު އެމް.ކޭ. ސްޓާލިންގެ އަމިއްލަ ދާއިރާ ކޮލަތޫރުން ޓީވީކޭގެ ކެންޑިޑޭޓް ވީ.އެސް. ބާބޫ އަތުން 8،795 ވޯޓުގެ ތަފާތަކުން ބަލިވެފައިވުމެވެ. ވިޖޭ އަމިއްލަފުޅަށް ވާދަކުރެއްވި ޕެރަމްބޫރު އަދި ޓްރިޗީ އީސްޓް ދެ ދާއިރާގައި ވެސް ކުރީގައި ހުރީ ވިޖޭއެވެ.
1967 ވަނަ އަހަރުން ފެށިގެން ތަމިލް ނާޑޫގެ ވެރިކަން ބަދަލުވަމުން އައީ ޑީއެމްކޭ އާއި އޭއައިއޭޑީއެމްކޭއާ ދެމެދުގައެވެ. ފުރަތަމަ ފަހަރަށް އިންތިޚާބެއްގައި ވާދަކޮށް ޓީވީކޭ މި ހޯދަމުންދާ ނަތީޖާ ދެމެހެއްޓިއްޖެ ނަމަ، ތަމިލް ނާޑޫގެ ސިޔާސީ ތާރީޚުގައި 1967 އާއި 1977 ގެ ތާރީޚީ އިންތިޚާބުތަކާ އެއް ފެންވަރުގެ ބޮޑު ބަދަލެއް އަންނާނެއެވެ.
ވޯޓް ގުނުން އަދި ކުރިއަށް ދާތީ، ރަސްމީ ފައިނަލް ނަތީޖާ އިޢުލާނެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް