މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެނަކު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ގ. ނާޝިދުވިލާ، ފާޠިމަތު ޝާޙާ އިބްރާހީމް (22 އަހަރު) އެވެ. ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން، ތުހުމަތުކުރެވޭ މީހާ ހުރި ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ވިޔަފާރިކުރުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. މި ތުހުމަތަށް ބާރުދޭ ހެކީގެ ގޮތުގައި ސީންއަށް ދިޔަ ފުލުހެއްގެ ބަޔާނާއި ޕޮލިސް އިންޓެލިޖެންސް ރިޕޯޓް ހުށަހަޅާފައިވެއެވެ.
ޝާޙާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ބަންދުގެ މުއްދަތަކީ 4 މާރިޗުން ފެށިގެން 19 މާރިޗުގެ ނިޔަލަށެވެ. ޝާޙާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލުގައެވެ.
ކޯޓު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ތުހުމަތުކުރެވޭ މީހާ ވަނީ މަސްތުވާތަކެއްޗާ ގުޅުމެއް ނެތް ކަމަށާއި ވަޒީފާގައި އުޅޭ މީހެއް ކަމަށް ބުނެފައެވެ. އަދި ވަކީލެއް އައްޔަންކުރަން ބޭނުންވާ ކަމަށް ބުނެފައިވާތީ، ވަކީލެއް އައްޔަންވުމުން ބަންދު މުރާޖަޢާ ކުރުމަށް ވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ. ޝާޙާ އަކީ ހައްޔަރު އަދި ބަންދު ރެކޯޑް އޮތް ފަރާތެއް ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް