ރަސްމާލެ ތަސައްވުރު ދައްކުވައިދޭ ޗާޓެއް -
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް"
ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން މާލޭގައި
ދިރިއުޅޭ ރައްޔިތުންނަށް ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު
ހުޅުވާލަުމަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ
މުއްދަތަކީ އަށެއް މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 30
އެޕްރީލު 2026 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށެވެ.
މި ޕްރޮގްރާމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ
ރަސްމާލެއިންނެވެ. އެގޮތުން ކޮންމެ ގޯއްޗެއްގެ ބޮޑުމިނަކީ 1250 އަކަފޫޓެވެ. މި
ފުރުސަތު ހުޅުވާލާފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ
ކެޓަގަރީ-އެކެއް ގައި ހިމެނޭ މާލޭގެ ރަށްވެހިންނާއި،
ކެޓަގަރީ-ދޭއް ގައި ހިމެނޭ މާލޭގައި
ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށެވެ.
މި ފަހަރުގެ އުސޫލަށް ގެނެސްފައިވާ އެންމެ ބޮޑު އެއް
ބަދަލަކީ، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް،
ޝަރުތު ހަމަވާނަމަ ގޯއްޗަށް އެދި ހުށަހެޅޭނެ ގޮތަށް ހަމަޖެއްސުމެވެ. މިކަމާ ގުޅޭ
އުސޫލު (ނަންބަރު 5-ޖީ/2026) މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ
ތަފްސީލު އިޢުލާނުގެ ޖަދުވަލުގައި ހިމަނާފައިވެއެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން
ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 4004860
އިން ފެށިގެން 4004865 އާ ދެމެދުގެ ނަންބަރުތަކަށް ގުޅުއްވުމަށް މިނިސްޓްރީން
އެދެއެވެ. މީގެ އިތުރުން [email protected] އަށް އީމެއިލް ކޮށްގެންވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް