ވަޒީރު ހައިދަރު -
ރާއްޖެއިން ބޭރުގައި ކިޔަވާ ބައެއް ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވާ މައިގަނޑު ސަބަބަކީ ޔުނިވާސިޓީތަކުން މިނިސްޓްރީއަށް އިންވޮއިސް ފޮނުވުން ލަސްވުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ 75 ޕަސެންޓް ދަރިވަރުންނަށް ގަވާއިދުން ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ފައިސާ ދޫކުރުމުގެ ކަންކަން ތިން އިދާރާއަކުން ބެލުމަށް ފަހު ކުރިއަށް ގެންދާތީ އާއި ޔުނިވާސިޓީތަކުން ޑެޑްލައިނާ ކައިރިކޮށްފައި އިންވޮއިސް ފޮނުވާތީ ލަސްތަކެއް ދިމާވާ ކަމަށެވެ.
"ބައެއް ފަހަރަށް ޔުނިވާސިޓީތަކުން އަޅުގަނޑުމެންނަށް އިންވޮއިސް އަންނައިރު އޮންނަނީ ހަފްތާއަކަށް ވެފައި ޑެޑްލައިނަށް،" ހައިދަރު ވިދާޅުވި އެވެ. "އެހެންވީމަ ވާ ގޮތަކީ އެ ޑެޑްލައިނާ އަޅުގަނޑުމެން މީޓް ކުރުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވޭ."
މިނިސްޓަރު ވިދާޅުވީ މިހާރު ފައިސާ ދޫކުރުމުގެ މައްސަލަ ކުރިއަށް ވުރެ ބޮޑަށް ރަނގަޅު ކޮށްފައިވާ ކަމަށާއި ފައިސާ ދޭން ޖެހޭ މުއްދަތުގެ ކުރިން ވެސް ބައެއް ދަރިވަރުންނަށް ފައިސާ ދީ ނިންމާފައިވާނެ ކަމަށެވެ. އަދި އެކި ސަބަބުތަކާ ހެދި ފައިސާ ނުދެވި ހުންނަ މައްސަލަތައް މަދުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ލިބުން ލަސްވެ، ކޯސް ދޫކޮށްލަން ޖެހުނު ކަމަށް ބުނާ މައްސަލަތަކެއް މިދިޔަ ޑިސެމްބަރުގައި ފެންމަތިވި އެވެ. އެ ދުވަސްވަރު މިނިސްޓްރީން ބުނީ ފައިސާ ނުލިބިގެން އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް