އެވިޑް ކޮލެޖްގެ ޗެއާމަން މުޝްތާގް ރަޝީދާއި އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު -
ރާއްޖެއިން ބޭރުގައި ގަވާއިދާ ޚިލާފަށް ކޯސްތައް
ހިންގުމުގައި އެވިޑުން ތަކުރާރުކޮށް ޢަމަލުކުރާތީ މޯލްޑިވްސް ކޮލިފިކޭޝަންސް
އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެވިޑް ކޮލެޖަށް ނަސޭހަތްތެރިވެއްޖެއެވެ.
މިކަން ހާމަކޮށް އެމް.ކިއު.އޭ އިން ނެރެފައިވާ
ނޫސްބަޔާނެއްގައި ބުނެފައިވަނީ
އެމް.ކިއު.އޭގެ އެކްރެޑިޓޭޝަން ގަވާއިދާއި، "ގައިޑްލައިންސް
ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން"
ގައިޑްލައިނާއ އެމް.ކިއު.އޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގުރާމުތައް ދިވެހިރާއްޖެއިން
ބޭރުގައި ހިންގުމާބެހޭ ޤަވާއިދާއި ޚިލާފަށް ސްރީލަންކާގެ "އެމަޒޯން ކޮލެޖް"
އަދި "އަލްޒެޓް ޔުނިވަރސިޓީ" (ވަކި ޤައުމެއްކަން ނޭނގޭ) ގައި ޕްރޮގްރާމްތައް
ހިންގައި، ދަރިވަރުންނަށް ވަނީ އެވިޑް ކޮލެޖްގެ ސަނަދު ދީފައިވާކަމަށެވެ.
މިކަން ފާހަގަކުރެވިފައިވަނީ، އެވިޑް ކޮލެޖުން ހިންގުމަށް
ހުއްދަ ދީފައިވާ ބައެއް ޕުރޮގުރާމް، ސްރީލަންކާގެ "އެމަޒޯން ކޮލެޖު" އަދި
"އަލްޒެޓް ޔުނިވަރސިޓީ" ގައި ހިންގައި، އެ ފަދަ ޕުރޮގުރާމުތައް ފުރިހަމަކޮށް
ގްރެޖުއޭޓްވެގެން ހޯދާފައިވާ އެވިޑް ކޮލެޖްގެ ސަނަދުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް
ދަރިވަރުންނާއި، އެކި ޤައުމުތަކުގެ ކޮލިފިކޭޝަންސް އެޖެންސީތަކުންނާއި އަދި އެވިޑް
ކޮލެޖުން މި އޮތޯރިޓީއަށް ޙިއްޞާކޮށްފައިވާ މަޢުލޫމާތުތަކުން ކަމަށް އެ ނޫސްބަޔާނުގައި
ބުނެފައިވެއެވެ.
"ހަމައެއާއެކު، ސްރީލަންކާގެ "ޗެސްޓަރ ކޮލެޖް
އޮފް ހަޔަރ އެޑިޔުކޭޝަން" އާއި "އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް"
އާއި "އިނޮވޭޓަސް ކެމްޕަސް" އާއި "ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީޒް"
އަދި "ބިޓްވިން ކެމްޕަސް"ގައި އެވިޑް ކޮލެޖްގެ ޕްރޮގްރާމްތައް ސްރީލަންކާގައި
ހިންގުމަށް އިޝްތިހާރުކޮށް އިޢުލާންކޮށްފައިވާކަން މި އޮތޯރިޓީއަށް ލިބިފައިވާ މަޢުލޫމާތާއި
މި މަޢުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށްޓަކައި މި އޮތޯރިޓީން ބެލިބެލުމުން
ވަނީ ފާހަގަކުރެވިފައެވެ. ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، މި ތަންތަނަކީ
ސްރީލަންކާގެ TVEC، UGC އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ
އެޑިޔުކޭޝަން އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން" ގައި މަތީ ތަޢުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ
ތަންތަން ނޫންކަމެވެ."
އެމް.ކިއު.އޭ އިން ބުނެފައިވެއެވެ.
އެ އޮތޯރިޓީން ބުނެފައިވަނީ 29 އޮގަސްޓް 2024
އިން ފެށިގެން އެ އޮތޯރިޓީން ދަނީ، މިތަނުން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް
އެ އެކްރެޑިޓޭޝަން ދިން ގޮތާ ޚިލާފަށް ނުހިންގުމަށް ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގައި
ނަސޭހަތްތެރިވަމުން ކަމަށާއި އެހެންނަމަވެސް، މިއަދާ ހަމައަށް އައި އިރުވެސް މި އޮތޯރިޓީގެ
ހުއްދަ ހޯދުމަކާ ނުލައި މިކަން ކުރަމުން އަންނަކަން މި އޮތޯރިޓީއަށް ލިބިފައިވާ މަޢުލޫމާތުތަކުންނާއި
ލިޔެކިޔުންތަކުން އަދި އެވިޑް ކޮލެޖުން މި އޮތޯރިޓީއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން
ފާހަގަކުރެވިފައިވާކަމަށެވެ.
"މިފަދަ ޢަމަލުތަކުގެ ނަތީޖާއަކަށް
ވެގެން ދާނީ، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު
ފޯރުކޮށްދޭ މުއައްސަސާތަކާ މެދު ޤާއިމްވެފައިވާ އިތުބާރާއި ޔަޤީންކަމަށް އިޢާދަނުކުރެވޭފަދަ
ގެއްލުންތައް ލިބެމުން ދިޔުން، އަދި މީގެ އިތުރުން،
މިފަދަ ކަންކަމުގެ ސަބަބުން ދޭދޭ ގައުމުތަކުގެ މެދުގައި ދެމިއޮންނަ ގާތް އެކުވެރި ގުޅުމަށް
ހީނަރުކަން އައުންވެސް އެކަށީގެންވޭ، ވަކިން ޚާއްޞަކޮށް، މިފަދަ ޤަވާޢިދާ ޚިލާފު ޢަމަލުތަކުގެ
ސަބަބުން، ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް އެކަމުގައި ގެއްލުން ލިބި، އެކަމުގެ ނޭދެވޭ
އަސަރުކޮށް ބައިނަލްއަޤްވާމީ ދަރިވަރުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުދޭ
މަރުކަޒުތަކަށް އައުމަށް ފަސްޖެހި، ރާއްޖޭގެ ތަޢުލީމީ ފެންވަރާއި މިންގަނޑުތަކާމެދު
ސުވާލު އުފެދި، ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ބައިނަލްއަޤްވާމީ
މަޤްބޫލުކަން ގެއްލި، އެ ސަނަދުތައް ބަލައިނުގަތުމުގެ ކަންބޮޑުވުން އެބައޮތް"
އެމް.ކިއު.އޭ އިން ބުނެފައިވެއެވެ.
މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް އެކްރެޑިޓޭޝަން ދީފައިވާ
ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި އެ އޮތޯރިޓީގެ ހުއްދަ ނުހޯދާ ނުހިންގުމަށް ހުރިހާ
މަރުކަޒުތަކަށް 17 ފެބްރުއަރީ 2025 ގައި ސިޓީއަކުން އިލްތިމާސްކޮށްފައިވާނެކަމަށް
ބުނެފައިވެއެވެ. އަދި 18 ފެބްރުއަރީ 2025 ގައި މިކަމާ ގުޅިގެން އާންމު އިޢުލާނެއް ކޮށްފައިވާނެ
ކަމަށާއި އަދި 30 ސެޕްޓެމްބަރ 2025 ގައި ދިވެހިސަރުކާރުގެ ގެޒެޓްގައި (މޯލްޑިވްސް ކޮލިފިކޭޝަންސް
އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ
ގަވާއިދު)ގެ ދަށުން، މި އޮތޯރިޓީގެ ހުއްދަ ހޯދައިގެން ޕްރޮގްރާމްތައް ހިންގުމަށް އިލްތިމާސްކޮށްފައިވާނެކަމަށްވެސް
ބުނެފައިވެއެވެ.
އެމް.ކިއު.އޭ އިން އިތުރަށް ބުނެފައިވަނީ އެކަންކަމާއި
ގުޅިގެން، ތަކުރާރުކޮށް އެކަން ރަގަޅުކުރުމަށް އެވިޑް ކޮލެޖަށް އެންގިފައިވާނޭ
ކަމަށާއި ނަމަވެސް، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި މޯލްޑިވްސް ކޮލިފިކޭޝަންސް
އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ
ގަވާއިދާ ޚިލާފުވެފައިވާތީ އެމް.ކިއު.އޭގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު މޯލްޑިވްސް
ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން
ބޭރުގައި ހިންގުމާބެހޭ ގަވާއިދުގެ ދަށުން، އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެވިޑް
ކޮލެޖަށް ނަސޭހަތްތެރިވުމާއެކު، މިކަން ޢާއްމުކޮށް އިޢުލާނު ކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް