N/A
ސަރުކާރު ސްކޫލުތަކުގެ ޔުނިފޯމަށް
ގެންނަން ވިސްނާ ބަދަލުތަކުގެ ނަމޫނާ އެޑިއުކޭޝަން މިނިސްޓްރީއިން ސްކޫލުތަކަށް
ފޮނުވައިފިއެވެ.
ސްކޫލުތަކުން އެކަމަށް
ތައްޔާރުވުމަށް އަހަރެއްހާ ދުވަހުގެ މުއްދަތު ލިބޭނެހެން 2027ގައި ގެންނަން ނިންމާ
މި ބަދަލާއެކު ނިންމާފައިވަނީ ހަތަރު ކުލައެކެވެ. އެއީ ދިވެހި ޤައުމީ ދިދައިގާ
ހިމެނޭ ފެއްސާއި ރަތާއި ހުދު އަދި މިނިސްޓްރީގެ ކުލަ ކަމުގައިވާ ނޫކުލައެވެ.
އުސޫލާއި ނަމޫނާ ހިމެނޭހެން އެޑިއުކޭޝަން
މިނިސްޓްރީއިން ސާކިއުލާއެއް ފޮނުވާފައިވާއިރު އެ އުސޫލުގައިވާގޮތުގައި ރަސްމީ
ޔުނީފޯމުގެ މަތީބައި ނުވަތަ ގަނީސް ހުންނަންޖެހެނީ ހުދު، ސްކައި ބްލޫ، ޓީލް
ގްރީން، ނޫންނަމަ މަޑު ރަތް ކުލައެއްގައެވެ. ރަސްމީ ޔުނީފޯމުގެ ފަޓުލޫނާއި ސްކާޓާއި
ސޯޓު ހުންނަންޖެހެނީ ކަޅު ނުވަތަ ނޭވީ ބްލޫ ކުލައިގައެވެ.
ނަމޫނާގައި ބުނެފައިވާގޮތުގައި
ބުރުގާ އަޅާ ދަރިވަރންނަށް އެ އޮޕްޝަނެއް ދީފައިވެއެވެ. އެއީ ޔުނީފޯމގެ ކުލައިގެ ގަދަ
ކުލައެއްގެ ބުރުގާ ބޭނުން ކުރުމާއި ފަޓުލޫނު ނުވަތަ ސްކާޓް ކުލައިން ބުރުގާ ބޭނުން
ކުރުމެވެ.
އެ އުސޫލު ބުނާގޮތުން ޓައީ
އަޅަންޖެހެނީ އެ ސްކޫލެއްގެ ކުލައިން ނޫންނަމަ ނޫ، ފެހި، ނުވަތަ ރަތް ކުލައިގެ
ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައަކުންނެވެ. ޓައީގައި ސްކޫލުގެ ބެޖު
ހިމަނަން ޖެހެއެވެ.
ފައުންޑޭޝަން އަދި ކީ ސްޓޭޖް 1
އަދި 2 ގެ ދަރިވަރުންގެ ބެޖު ހުންނަން ޖެހެނީ ޖީބުގައި ހަރުކޮށްފައެވެ. ކީ ސްޓޭޖް
3 އަދި ކީ ސްޓޭޖް 4 ގެ ދަރިވަރުން ޔުނީފޯމާއެކު ޓައި އަޅަންޖެހެނީ އެ ސްކޫލަކުން
ބޭނުން ނަމައެވެ. އެހެންނަމަވެސް ކީ ސްޓޭޖް 5 ގެ ދަރިވަރުންނަށް ޓައީއަކީ ޔުނީފޯމުގެ
ބައެއްކަން ބަޔާންކޮށްފައިވެއެވެ.
އުސޫލުގައި ބުނެފައިވާގޮތުން ކީ
ސްޓޭޖް އެކެއްގެ ފިރިހެން ދަރިވަރުން ރަސްމީ ޔުނީފޯމާއެކު ލާންޖެހެނީ ކަކުލުން ތިރިއަށް
ހުންނަވަރުގެ ސޯޓެވެ. އަންހެން ކުދިން ލާންޖެހެނީ ސްކާޓް ނުވަތަ ފަޓުލޫނެވެ. އަންހެން
ދަރިވަރުންނަށް ސްކާޓާއެކު އެ ދަރިވަރުން ބޭނުން ނަމަ ހަރުވާޅުވެސް ލެވިދާނެއެވެ.
އަންހެން ކުދިން ލާންޖެހެނީ އަތް
ދިގު ނުވަތަ އަތް ކުރު ގަމީސް ޓޮޕެވެ. ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅު ފޮރުވި
އެއަށްވުރެ ދެ އިންޗިއާއި ހަތަރު އިންޗިއާއި ދެމެދު ދިގުކޮށެވެ.
ސްކާޓްލާ ދަރިވަރުން
ހަރުވާޅުލާންޖެހެއެވެ. ސްކާޓް ހުންނަންޖެހެނީ ކަކުލުން ތިރިއަށް ދެ އިންޗި ހުންނަ
ވަރަށެވެ. ކުރިމަތިންނާއި ފުރަގަހުން ކޮންމެ ފަރާތެއްގައި ދެ ރޫ ނަގަންޖެހެއެވެ.
އަރިމަތީ ކޮންމެ ރުލެއްގެ ފުޅާމިނުގައި ދެ އިންޗި ހުންނަންޖެހެއެވެ. މެދުގައި
ހުންނަން ޖެހެނީ ބޮކްސް ޕްލީޓް ނުވަތަ ރޫނަގައިފައެވެ.
އުސޫލުގައި ވާގޮތުގައި
ފަޓުލޫނުލާ އަންހެން ދަރިވަރުންނަށް ބެގީއެއް ނުކުރެވޭނެއެވެ.
ޕްރިފެކްޓަކަށް ހޮވުނު ނަމަވެސް ޔުނީފޯމަށް
އެއްވެސް ބަދަލެއް ނާންނާނެއެވެ. އުސޫލުގައިވާގޮތުގައި ޕްރިފެކްޓުން ބޭނުން ކުރާނީ
ޓައީއެކެވެ. ސްކޫލުން ބޭނުންނަމަ ކެޕްޓަން، ޑެޕިއުޓީ ކެޕްޓަން، އެކްޓިވިޓީ
ކެޕްޓަން އަދި ޑެޕިއުޓީ އެކްޓިވިޓީ ކެޕްޓަން ޔުނީފޯމާއެކު ސޫޓެއް ޚިޔާރު
ކުރެވިދާނެއެވެ. ނަމަވެސް އެހެން މަގާމުތަކުގައި ދަރިވަރުންނަށް ޝޭޝް އެއް ބޭނުން
ކުރެވިދާނެއެވެ.
އުސޫލުގައި ބުނެފައިވާގޮތުގައި
ދަރިވަރުންއ ބޭނުން ކުރަންޖެހެނީ އެއްވެސް މަންޒަރެއް ނުހުންނަ ކަޅު ކުލައިގެ
ބެލްޓެވެ. ރަސްމީ ޔުނީފޯމާއެކު އަރަންޖެހޭނީ ކަޅު ބޫޓަށެވެ. އެކްޓިވިޓީ
ޔުނީފޯމައެކު ސްޕޯޓްސް ބޫޓު ނުވަތަ ސްކޫލު ކަޅު ބޫޓެވެ.
އެކްޓިވިޓީ ޔުނީފޯމުގައި އަތް
ކުރު ޓީޝާޓް ލާނަމަ ގިރުވާން އިންނަންޖެއެވެ. ޓީޝާޓްގެ ދިގުމިން ހުންނަންޖެހެނީ ދަރިވަރު
ކޮޅަށް ހުންނައިރު އަތުގެ ކުޑަހުޅާ ހަމައަށެވެ. ޓީޝާޓް ހުންނަންވާނީ ޖާޒީ
މެޓީރިއަލް ނުވަތަ ޕީކް ފެބްރިކުން ކަމަށް ބަޔާންކޮށްފައިވެއެވެ. ޓީޝާޓުގެ ކުރިމަތި
ފަރާތުން ވައަތުގައި ބެޖު ޖަހައި ފުރަގަހުން މަތީގައި ސްކޫލުގެ ނަންޖަހަން
ޖެހެއެވެ. އަތް ދިގުކޮށް ލާ އެކްޓިވިޓީ ޔުނީފޯމުގައި ބެޖު ހުންނަން ޖެހެނީ
ކުރިމަތިން ކަނާތް ފަޅީގައެވެ. ސްކޫލުގެ ނަން ޖަހަންޖެހެނީ ފަހަތުން އުނަގަނޑާ
ހަމައިގައެވެ.
އެކްޓިވިޓީ ޔުނީފޯމާއެކު ސްކާޓް
ޚިޔާރުކުރާނަމަ ބޭނުން ކުރަންޖެހެނީ ކަޅު ކުލައިގެ ތިން އިންޗީގެ ފުޅާ މިނުގައި
އާދައިގެ ރޫ ނަގާފައި ހުންނަ ސްކާޓެވެ. ކަކުލާ ހަމައަށް ހުންނަންޖެހޭ އެ ސްކާޓުގައި
އެއްވެސް ލޯގޯއެއް ބޭނުން ނުކުރެވޭނެއެވެ.
ކީ ސްޓޭޖް އެކެއްގެ ދަރިވަރުން ފިޔަވައި
ހުރިހާ އަންހެން ދަރިވަރުން ސްކާޓްލާނަމަ ހަރުވާޅު ނުވަތަ ޓްރެކްޝޫޓެއް ލާން
ޖެހޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް