ގައުމީ ފެންވަރުގައި ގާލް ގައިޑު ދުވަސް ފާހަގަ ކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް
ގައުމީ ފެންވަރުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާލް ގައިޑު ދުވަސް ފާހަގަ ކޮށްފި އެވެ.
މިއަހަރުން ފެށިގެން މި ދުވަސް ފާހަގަ ކުރާނީ ކޮންމެ އަހަރެއްގެ ޖުލައި ދެ ވަނަ ދުވަހު އެވެ. މިއަހަރަކީ ރާއްޖޭގައި ގައިޑް ހަރަކާތް އުފެދުނުތާ 75 އަހަރު ފުރުނު އަހަރެވެ.
މި ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ، އޭޝިއާ ޕެސިފިކް ރީޖަން އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގާލްގައިޑްސް އެންޑް ގާލް ސްކައުޓްސް (ވެގްސް) އިން، ދޭ "އޭޝިއާ ޕެސިފިކް ރީޖަނަލް ޓްރޫޕް ލީޑާ ޔުނިޓް އެވޯޑް" ހާސިލުކުރި ރާއްޖޭގެ ގައިޑަރުންނާ އެވޯޑް ޙަވާލުކޮށްދެއްވާފައެވެ. މި އެވޯޑު 14 ގައިޑަރަކު ހާސިލް ކުރި އެވެ.
މި ރަސްމިއްޔާތުގައި، މެޑަމް ސާޖިދާ ވަނީ "ކޮމިއުނިޓީ ސާވިސް ޓޫލް ކިޓް" އިފްތިތާޙްކޮށްދެއްވާފައެވެ. އަދި ގައިޑާޒް ވޮރަންޓް ލިބިވަޑައިގަތް ފަރާތްތަކަށް ބެޖާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވުމާއި، ކުއާޓާ މާސްޓާ އަދި ފަސްޓް އެއިޑް ބެޖް ޙަވާލުކޮށްދެއްވުމުގެ އިތުރުން ސާވިސް އެވޯޑް ޙަވާލުކޮށްދެއްވި އެވެ.
މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، އެ މިނިސްޓްރީގެ އިސްވެރިންނާއި، ކުރީގެ ޗީފް ގައިޑް ފަޒްނާ އަޙްމަދާއި، ވެގްސްގެ އޭޝިއާ ޕެސިފިކް ރީޖަންގެ ކޮމިޓީގެ ޗެއަރ، ނިޢުމަތު ޝަފީޤުގެ އިތުރުން ދިވެހިރާއްޖޭގެ ގަރލްގައިޑް ހަރަކާތުގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންފައިވާ މެންބަރުންނާއި، މިހާރުގެ އޮފިޝަލުންނާއި ގައިޑް ހަރަކާތުގެ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
ރޭގެ ރަސްމިއްޔާތުގައި ރާއްޖޭގައި ގައިޑު ހަރަކާތް އުފެދިގެން އައި ގޮތާއި މިހާތަނަށް ހާސިލްކޮށްފައިވާ ކާމިޔާބީތައް ދައްކާލާފައިވެ އެވެ.
ރާއްޖޭގައި ގާލް ގައިޑު ހަރަކާތް ތައާރަފު ކުރެވުނީ 1951 ވަނަ އަހަރު އެވެ. މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުން 90 އަށްވުރެ ގިނަ ރަށުގައި ގައިޑް ހަރަކާތް ހިންގަމުންދާއިރު 14000 އަށް ވުރެ ގިނަ މެންބަރުން ރެޖިސްޓްރީވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް