ގާލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން, ވަރަށް ބޭނުންތެރި ބިނާކުރުމެއް: މެޑަމް ސާޖިދާ

ގާލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި، އެއީ ވަރަށް ބޭނުންތެރި ބިނާކުރުމެއް ކަމުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމ...

03 Jul 2026 | 04:46
ގާލް ގައިޑު ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާޓުގައި މެޑަމް ސާޖިދާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ގާލް ގައިޑު ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާޓުގައި މެޑަމް ސާޖިދާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ގާލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި، އެއީ ވަރަށް ބޭނުންތެރި ބިނާކުރުމެއް ކަމުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގާލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ދުވަސް ފާހަގަ ކުރަން ފަށާފައި މިވަނީ ރާއްޖޭގައި ގާލް ގައިޑު އުފެދނުނުތާ 75 އަހަރު ފުރުނު ދުވަސް ކަމަށްވާ ޖުލައި ދޭއްގައި އެވެ.

ގާލް ގައިޑް ޙަރަކާތަކީ ފަރުދީ، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައިވެސް މުހިންމު ޚިދުމަތެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ޤައުމު ބިނާކުރުމަކީ މީހުން ބިނާކުރުންކަމާއި، މީހުން ބިނާކުރާ އިރު، އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބިނާކުރަން ޖެހޭކަން ފާހަގަކުރެއްވި އެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ، ގާލް ގައިޑުން އުފައްދައި ދެމެހެއްޓެމުން އެކަން ހިމެނިގެންދަނީ މީހުން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން، އަންހެނުން ބިނާކުރުމަށް ކުރެވޭ ވަރަށް އަގުހުރި ޚިދުމަތެއްގެ ގޮތުގައި ކަމަށެވެ.

ރާއްޖޭގައި މި ޚިދުމަތަށް 75 އަހަރު ފުރުމަކީ ބޮޑު ޝަރަފެއް ކަމަށާއި، މި އަހަރުން ފެށިގެން ސަރުކާރުން ރަސްމީކޮށް ގަރާ ގައިޑް ދުވަސް ފާހަގަކުރަން ފެއްޓެވުމަކީ ކުރިއަށް އޮތް ތަނުގައި މި ޙަރަކާތަށް އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ކޮމިއުނިޓީ ސަރވިސް ޓޫލް ކިޓް" އިފްތިތާޙްކޮށްދެއްވާފައެވެ. މީގެ އިތުރުން، ގައިޑާޒް ވޮރަންޓް ލިބިވަޑައިގަތް ފަރާތްތަކަށް ބެޖާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވުމާއި، ކުއަރޓަރ މާސްޓަރ އަދި ފަސްޓް އެއިޑް ބެޖް ޙަވާލުކޮށްދެއްވުމުގެ އިތުރުން ސާވިސް އެވޯޑް ޙަވާލުކޮށްދެއްވުންވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ.

ރޭގެ ރަަސްމިއްޔާތުުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް