ލަންކާއަށް ފުރާވަޑައިގަތުމަށް ރައީސް އެއާޕޯޓުގައި -
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.
ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، މިހިނގާ މޭ މަހުގެ ތިނަކުން ހަޔަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސް ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން ތަޢުލީމާއި، ފަންނީ ތަމްރީނާއި، އިޤްތިޞާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކައާއި ބައިނަލްއަޤްވާމީ މައިދާންތަކުގައި އެކުގައި މަސައްކަތްކުރެވޭނެ އައު މަގުތައް ހޯދުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެއެވެ.
ދެ ޤައުމުގެ ރައީސުންގެ ޙާޒިރުގައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަންނަވާ އިރު، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.
މިއީ 2025 ވަނަ އަހަރުގެ ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު، ރައީސް މުޢިއްޒު އެ ޤައުމަށް ކުރައްވާ ޖަވާބީ ދަތުރުފުޅެކެވެ. އަދި މިއީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ. ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި 26 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް