ތޫފާން "ސެންޔާރު" ގައި އިންޑޮނޭޝިޔާގެ ސުމަތުރާގައި ފެންބޮޑުވެފައި - ފޮޓޯ: އޭއެފްޕީ
ހިނގަމުން މިދަނީ އުތުރު އިންޑިއާ ކަނޑުގެ ތޫފާނީ
މޫސުމެވެ. ތޫފާނީ މި މޫސުން މި ހިނގާ ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އުފެދުނު ތޫފާން
"ޝަކްތީ" އިން ފެށުނު ތޫފާނީ މި މޫސުމުގައި ހަތަރު ތޫފާނެއް މިވަނީ
އުފެދިފައެވެ. އެއީ ތޫފާން "ޝަކްތީ"، ތޫފާން "މޮންތާ"، ތޫފާން
"ސެންޔާރް" އަދި ތޫފާން "ދިތުވާ" އެވެ.
ތޫފާން "ޝަކްތީ" އަރަބިކަނޑާވީ ފަޅިން
ޔަމަނާއި ދިމާއިން ބާރުކެނޑި ދިޔައީއެވެ. ތޫފާން "މޮންތާ" އިންޑިއާއަށް
އެރިއެވެ. އަށް މީހަކު މަރުވިއެވެ.
އެހެންނަމަވެސް އެ ދެ ތޫފާނާ ޚިލާފަށް ތޫފާން
"ސެންޔާރް" އާއި ތޫފާން "ދިތުވާ" ވެގެން މި ދިޔައީ އިންތިހާ
ނުރައްކާތެރި ދެ ތޫފާނަށެވެ.
ތޫފާން "ސެންޔާރް" އަށް ބަލައިލާއިރު 25
ނޮވެމްބަރުގައި އުފެދި 30 ނޮވެމްބަރުގައި ބާރު ކެނޑިގެންދިޔަ މި ތޫފާން އިންޑޮނޭޝިޔާ
އަދި މެލޭޝިޔާ އަދި ތައިލޭންޑަށް އެރިއެވެ. ތައިލޭންޑުން 267 މީހަކު މަރުވިއެވެ.
މެލޭޝިޔާއިން ތިން މީހަކު މަރުވިއެވެ. އިންޑޮނޭޝިޔާއިން 637 މީހަކު މަރުވެފައިވާއިރު
އިންޑޮނޭޝިޔާއިން ގެއްލިފައިވާ މީހުންގެ ޢަދަދު އުޅެނީ ފަސް ސަތޭކައާއި ކައިރީގައެވެ.
ތޫފާން "ދިތުވާ" އަށް ބަލައިލާއިރު 26
ނޮވެމްބަރުގައި އުފެދި 30 ނޮވެމްބަރުގައި ބާރު ދަށްވި މި ތޫފާން އުފެދުނު އިރުވެސް
ހުރީ ލަންކާގެ މަތީގައެވެ. މި ތޫފާނުގައި ލަންކާއިން 390 މީހަކު މަރުވެ 352 މީހަކު
ވަނީ ގެއްލިފައެވެ.
އުތުރު އިންޑިއާ ކަނޑުގެ ތޫފާނީ މޫސުން އަދި މި ހިސާބުން
ނިމުނީ ކަމަށް ބެލުމުގެ ފުރުސަތު އަދި ކުޑައެވެ. ދެން މި ސަރަހައްދުގައި ތޫފާނެއް
އުފެދިއްޖެނަމަ އެ ތޫފާނަކަށް ދޭނެ ނަމަކީ ތޫފާން "އަރްނަބް" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް