ފޮޓޯ: ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް
ސޯޝަލް މީޑިއާގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ވީޑިއޯއަކަށް ކުޑައިމީސްކޮށް މުއާމަލާތްކުރި މައްސަލަ ހެލްތު މިނިސްޓްރީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އިއްޔެ އާންމުވި ވީޑީއާއަކަށް ކޮށްފައިވާ ފުރައްސާރައިގެ ކޮމެންޓުތަކާއި ގުޅިގެން އޭގެ ތެރެއިން ކުއްޖެއްގެ މަންމަ ވަނީ އަސަރު ގަދަ ޕޯސްޓެއް ސޯޝަލް މީޑިއާގައި ކޮށްފައި އެވެ. އޭނާގެ ޕޯސްޓުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ކުރާ އެފަދަ ބުރަ މަސައްކަތް ސްކްރީނެއްގެ ފަހަތުގައި ފިލައި ތިބެ މަލާމާތް ކުރާ މީހުންނަށް ދުވަހަކު ވެސް ނުވިސްނޭނެ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލައިގަ އެ ދެ އިދާރާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޕޯސްޓްތަކަށް އާންމުންގެ ބައެއް ފަރާތްތަކުން އެ ބޭފުޅުންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަދި މަލާމާތް ރައްދުވާ ފަދަ ބަހުރުވައަކުން ފާޑުކިޔުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ޚާއްޞަ ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކެއް ކަމަށެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން އެ ފަރާތްތަކުގެ ކަރާމާތަށް އިޙްތިރާމްކުރުމާއި އިޖުތިމާޢީ ހަރަކާތްތަކުގައި ހަމަހަމަ ފުރުޞަތު ލިބުމަކީ ޤާނޫނީ ގޮތުން ކަށަވަރުވެފައިވާ ޙައްޤެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މިނިސްޓްރީ އާއި ކައުންސިލުން ވަނީ މިފަދަ ކަންކަން ތަކުރާރު ނުކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް ދައުލަތުން ކުރާ މަސައްކަތުގައި އެންމެހާ ފަރާތްތަކުން އެކުގައި މަސައްކަތްކުރުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް