ސައުދީގެ އިންޓީރިއާ މިނިސްޓްރީ --
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާ ކުށުގެ ނެޓްވޯކެއް އަތުލައިގެންފި އެވެ.
ސައުދީގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި އޮޕަރޭޝަންގައި 22 މީހުން ހައްޔަރު ކުރި އެވެ.
ސައުދީގެ ދާހިލީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހައްޔަރުކުރި 22 މީހުންގެ ތެރޭގައި 19 މީހުންނަކީ ސައުދީ ރައްޔިތުންނެވެ. އޭގެ ތެރޭގައި މުނިސިޕަލިޓީޒް އެންޑް ހައުސިން މިނިސްޓްރީގެ މުވައްޒަފަކު ހިމެނެ އެވެ.
ދެން ހައްޔަރުކޮށްފައިވަނީ ބޯޑަރު ސެކިއުރިޓީ ޤަވާއިދާ ޚިލާފުވެފައިވާ އިތިއޯޕިއާ ރައްޔިތަކާއި މޮރޮކޯ ރައްވެއްސަކާއި ޔަމަނު ރައްވެއްސެކެވެ.
ހައްޔަރުކުރި އެންމެންގެ މައްޗަށް ޤާނޫނީ ފިޔަވަޅު އަޅައި މައްސަލަ ޕަބްލިކް ޕްރޮސެކިއުޝަނަށް ފޮނުވާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ސައޫދީ ދާޚިލީ ވުޒާރާއިން ބުނީ މަސްތުވާތަކެތި މެދުވެރިކޮށް އެ ޤައުމާއި ޒުވާނުންނަށް އަމާޒުކުރާ ކުށުގެ ނެޓްވޯކުތަކާ ދެކޮޅަށް ސެކިއުރިޓީ އިދާރާތައް ހޭލައި ތިބޭނެ ކަމަށެވެ.
އަދި ޤައުމުގެ ސަލާމަތަށް ބުރޫ އެރުވަން ނުވަތަ ރައްޔިތުންނާއި ރައްވެހިންގެ ރައްކާތެރިކަމަށް ނުރައްކާ ކުރަން މަސައްކަތްކުރާ ކޮންމެ ފަރާތަކާ ދެކޮޅަށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް