އަލިފާން ރޯވި ފްލެޓުގައި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލޭ ފްލެޓް ނަންބަރު 110 ގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ އެޕާޓްމެންޓު އެއްކޮށް އަނދައިފި ބަޔަކަށް އަނިޔާވެއްޖެ އެވެ.
މި ހާދިސާގައި އެގޭގައި ދިރިއުޅުނު ފަސް މީހަކަށް އަނިޔާވެފައިވެ އެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑުގެ 12 ޕަސެންޓު ފިހިފައިވެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ހާދިސާގެ ރިޕޯޓު ކުރީ ރޭ 01:10 ހާއިރު ކަމަށެވެ. އެއްކޮށް އަލިފާން ގަނޑު ނިއްވާލެވުނީ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން 01:23 ހާއިރު އެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި އަލިފާން ރޯވާން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިންގ ރޫމުގައި އޮތް "ޓޫލް މެލްޓިންގ ޑިވައިސް" އެއްގައި ރޯވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
ހާދިސާ ހިނގިއިރު އެ ގޭގައި 18 އަހަރުން ދަށުގެ ދެ ކުޑަކުދިންނާއި 18 އަހަރުން މަތީގެ އަންހެނަކާއި ހަތަރު ފިރިހެނުން ހިމެނޭ ގޮތަށް ޖުމްލަ ހަތް ދިވެހިން ދިރިއުޅެމުންދިޔައެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނި ގޮތުގައި އަނިޔާވެގެން ފަރުވާދެމުން ދަނީ ދެ ކުޑަކުދިންނާއި ތިން ބޮޑެތި މީހުންނަށެވެ. އެ ތެރެއިން އެކެއްގެ އަތާއި ފައިގެ 12 އިންސައްތަ ފިހިފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް