N/A
2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 8 ބިލިއަން ދިވެހި ރުފިޔާ) ސަރުކާރުން ދައްކައި ޚަލާސްކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ފައިސާގެ ތެރޭގައި ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު ހިމެނެއެވެ. މި ދަރަނި އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ.
މާލީ ވުޒާރާއިން ބުނި ގޮތުގައި މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށްޓަކައި ރައީސް ޞާލިޙުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. އެ ދަރަނި ނަގާފައިވަނީ ދުނިޔޭގެ އިޤްތިޞާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި، ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.
2023 ވަނަ އަހަރު ވެރިކަމާ ހަވާލުވި މިހާރުގެ ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔަތަށާއި އިޤްތިޞާދަށް ނޭދެވޭ އަސަރެއް ނުކުރާނެހެން ދަރަނި އަދާކުރުމަށް ޚާއްޞަ އިސްކަމެއް ދީފައެވެ. އެގޮތުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ އެސް.ޑީ.އެފް ފަންޑަށް ބޭރު ފައިސާ ޖަމާކުރަން ފެށުމެވެ. މީގެ އިތުރުން 2024 ވަނަ އަހަރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓުތަކަށް ބަދަލު ގެނެސް، ދިވެހިންނަށް ބުރައަކަށް ނުވާނެހެން ފަންޑަށް ވަންނަ ފައިސާ އިތުރުކޮށްފައިވެއެވެ.
މި ފިޔަވަޅުތަކާއެކު އެސް.ޑީ.އެފް ފަންޑުގައި ހުރި ބޭރު ފައިސާގެ އަދަދު ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާ ކަމަށް މާލީ ވުޒާރާއިން ބުންޏެވެ. އަދި ދައުލަތުގެ ރަސްމީ ރިޒާވް މި އަހަރުގެ މާރިޗު މަސް ނިމުނުއިރު 1.3 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ރިޒާވް އެންމެ މަތިވި ފަހަރު ކަމަށް އެ ވުޒާރާއިން ހާމަކުރިއެވެ.
މީގެ އިތުރުން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ފަސްކުރުމުގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި މަގަކަށް ރުޖޫޢަކުރުން ކަމަށް ވެސް މާލީ ވުޒާރާގެ ބަޔާނުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް