ދަސްވެނީންނާއެކު ރައީސްގެ ދެކަނބަލުންނާއި ވަޒީރު - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލަށް ކީރިތި ޤުރުއާން ހިތުދަސްކޮށް ދަސްވެނިވި 31 ޙާފިޡުންނަށް ސަނަދާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ. މި އަހަރު ދަސްވެނިވި 31 ޙާފިޡުންގެ ތެރޭގައި ހިމެނެނީ 19 އަންހެން ޙާފިޡުންނާއި 12 ފިރިހެން ޙާފިޡުންނެވެ. އެއީ 12 އަހަރާއި 21 އަހަރާ ދެމެދުގެ 23 ޙާފިޡުންނާއި 21 އަހަރުން މަތީގެ 8 ޙާފިޡުންނެވެ. މީގެ އިތުރުން، ކުރިން ސަނަދު ޙާޞިލުކޮށްފައިވާ 18 ޙާފިޡުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިއީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ޙާފިޡުކަމުގެ އިމްތިޙާނު ހަދައި ދަސްވެނިވާ އަހަރު ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި 26 ފެބުރުވަރީ 2026 ގެ ނިޔަލަށް ރާއްޖޭގައި ތިބީ 139 އަންހެން ޙާފިޡުންނާއި 162 ފިރިހެން ޙާފިޡުންނެވެ. އަދި ސަރުކާރުގެ ދުރުރާސްތާ އަމާޒަކީ އާބާދީގެ ނިސްބަތުން އެންމެ ޙާފިޡުން ގިނަ އިސްލާމީ ޤައުމަށް ރާއްޖެ ހެދުން ކަމަށް ވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް 2025 ވަނަ އަހަރު 19 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކުރެއްވުމެވެ. މިގޮތުން 2026 ވަނަ އަހަރު މި ފަދަ 50 ގޮފި ޤާއިމުކުރައްވާނެ ކަމަށާއި، މިހާތަނަށް 6 ގޮތްޕެއް ރަޖިސްޓަރ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް