މެދުއިރުމަތީގައި ތިބި ދިވެހީންނަށް ހާލަތު މިދަނީ ގާތުން ބަލަމުން، ތެލާއި ކާބޯތަކެތީގެ ދަތިކަމެއް އަދި ނެތް: ރައީސް

މެދުއިރުމަތީ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހީންނަށް އެއްވެސް ގެއްލުމެއް ނުވަތަ ކަންބޮޑުވުމެއް ދިމާވެފައި ނުވާ ކަމަށާއި، ތެލާއި ކާބޯތަކެތީގެ ސަޕްލައިއަށް ވެސް މައްސަލައެއް ކު...

02 Mar 2026 | 05:35
ރައީސް މުޢިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި - ފޮޓޯ: ރައީސް އޮފީސް

ރައީސް މުޢިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި - ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގައި

ދިރިއުޅޭ ދިވެހީންނަށް އެއްވެސް ގެއްލުމެއް ނުވަތަ ކަންބޮޑުވުމެއް ދިމާވެފައި ނުވާ

ކަމަށާއި، ތެލާއި ކާބޯތަކެތީގެ ސަޕްލައިއަށް ވެސް މައްސަލައެއް ކުރިމަތިވެފައި ނުވާ

ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް މިއަދު ފެއްޓެވި

ހަފްތާ ޕްރެސްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

މެދުއިރުމަތީ މަސްރަހާ ގުޅިގެން ރައީސް އުފެއްދެވި ވަޒީރުންގެ

ޚާއްޞަ ކޮމިޓީން ހަމަ އެ ދުވަހު މެންދުރުފަހު މަސައްކަތް ފެށިކަން ރައީސް

ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގައި ވަރަށް ގިނަ ދިވެހީން ދިރިއުޅެމުންދާތީ،

ޚާރިޖީ ވުޒާރާ މެދުވެރިކޮށް އެ ފަރާތްތަކުގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި،

ކިޔަވާ ކުދީންގެ ކަންކަން މަތީ ތައުލީމާ ބެހޭ ވުޒާރާއިން ގާތުން ބަލަމުންދާ ކަމަށް

ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ބަލާއިރު، މެދުއިރުމަތީ އެއާލައިންތަކުން

ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ޓްރާންސިޓް ފްލައިޓްތައް ހުއްޓި، ނުފުރި ތިބި

ފަސިންޖަރުންނާއި ރާއްޖެ އަންނަން ތިބި ގިނަ ފަތުރުވެރީންނަށް ދަތިތައް ކުރިމަތިވެފައިވާ

ކަމަށް ރައީސް ވިދާޅުވިއެވެ. މެދުއިރުމަތީ ބޭނުންނުކޮށް އޯލްޓަނޭޓިވް ރޫޓްތައް ހޯދައިދިނުމަށް

އެޖެންޓުންނާއި އެއާލައިންތަކާ ވާހަކަ ދައްކަމުންދާ ކަމަށާއި، އެ ގޮތަށް ބައެއް ފްލައިޓްތައް

މިހާރު ވެސް އޮޕަރޭޓްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރޭ ޔޫއޭއީގެ ރައީސާ ފޯނުން ގުޅުއްވައި،

ލިބެމުންދާ ގެއްލުންތަކާ ގުޅިގެން ހަމްދަރުދީ ފާޅުކުރައްވައި، ދިވެހި ރައްޔިތުންގެ

ފުރިހަމަ ތާއީދު އޮތް ކަމަށް ދެންނެވި ކަމަށެވެ. އޭގެ އިތުރުން ސައުދީ ވަލީ އަހުދާއި

ޤަޠަރުގެ އަމީރާއި ބަޙުރައިނުގެ ރައީސާއި އޮމާނާ ވެސް ފޯނުން ގުޅުއްވައި، ދިވެހި ރައްޔިތުން

އެ ޤައުމުތަކާ އެކުގައި ތިބި ކަމުގެ މެސެޖު ދެއްވާނެ ކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިކަމާއި ކާބޯތަކެއްޗާއި ތެލަށް

މެދުއިރުމައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމެއް ކަމުން، ކުރިމަތިވެދާނެ އަސަރު

ކުޑަކުރުމަށް ކަމާ ބެހޭ އިދާރާތަކުން ގާތުން މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް