ރައީސް މުޢިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި - ފޮޓޯ: ރައީސް އޮފީސް
ސިނަމާލެ އަދި މާލޭ ހިޔާ ފްލެޓްތަކުގެ ޖޫރިމަނާ
މައާފްކޮށް، އެ ތަންތަނުގެ މަރާމާތަށް ސަރުކާރުން 16 މިލިއަން ރުފިޔާގެ
އެހީތެރިކަން ފޯރުކޮށްދިނުމަކީ ރިޝްވަތު ދިނުން ނޫން ކަމަށާއި، އެއީ ސަރުކާރުގެ
ޒިންމާ އަދާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
17 ފެބްރުއަރީ
2026 ގައި ސިނަމާލެ އަދި މާލޭ ހިޔާގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސް
ވިދާޅުވީ ފްލެޓްތަކުގެ ޖޫރިމަނާ މައާފްކޮށް، އެ ތަންތަނުގެ މަރާމާތަށް ސަރުކާރުން
އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އިންތިޚާބެއް ބޯމަތިވެފައި ވަނިކޮށް މި ފައިސާ ދިނުމަކީ
ރިޝްވަތެއްތޯ އަމާޒުވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މިއީ އެއްވެސް
ވަރަކަށް ރިޝްވަތެއް ނޫން ކަމަށެވެ. އަދި މިއީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން
ދުވަސްވަރުގެ މެނިފެސްޓޯގައިވެސް ހިމަނާފައިވާ، އަދި ޕޯޑިއަމްތަކުގައި
ތަކުރާރުކޮށް ދައްކާފައިވާ ވާހަކަތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިކަން ކުރުމަށް މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ކެބިނެޓުން
ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސިނަމާލެ އެކެއް، ދޭއް، ތިނެއް އަދި މާލޭ ހިޔާ އެކެއް،
ދޭއް ގެ އިތުރުން ވިލިމާލޭގައި ހުރި ސިނަމާލެ ހަތަރެއް، ފްލެޓްތަކަކީ ވަރަށް
ބޮޑަށް ބާވެ، މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން މީހުން ދިރިއުޅެން ނުރައްކާތެރި
ހާލަތެއްގައި ހުރި ތަންތަން ކަމަށް ރައީސް ވިދާޅުވިއެވެ. "ޝީޓްތައް ފަޅައިގެން
ގޮސް ވެއްޓޭ ހިސާބުގައި ހުރީ، ފެން ލީކުވަނީ، ބައެއް ކޮލަމްތައްވެސް ހުރީ އިންޗިއެއްހާ
ބޯމިނަށް ފަޅައިގެން ގޮސްފައި." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ފްލެޓްތައް ތަޅާލައި އާ
އިމާރާތްތަކެއް އެޅުމަކީ ވައުދެއް ކަމަށާއި، ނަމަވެސް އެ މަސައްކަތް
ނިމެންދެންވެސް ރައްޔިތުންނަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ގޮތް ހަދަންޖެހޭ
ކަމަށެވެ. މީގެ ކުރިން މި މަސައްކަތް ނުކުރެވި އޮތީ މާލެ ސިޓީ ކައުންސިލްގެ
އެއްބާރުލުން ނުލިބުމުން ކަމަށާއި، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ކައުންސިލުން
އެއްވެސް މަރާމާތެއް ކޮށްފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ ހުރިހާ
ތަންތަނެއްގެ ޖޫރިމަނާ މައާފްކުރުމަކީ ސަރުކާރުގެ އާންމު ސިޔާސަތެއް ކަމަށާއި،
އެއީ ހަމައެކަނި މާލެއަށް އޮތް ކަމެއް ނޫން ކަމަށް ރައީސް ބަޔާންކުރެއްވިއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ސޯޝަލް ހައުސިން ފްލެޓްތަކުގެ ޖޫރިމަނާވެސް
މައާފްކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ،
ރައްޔިތުން އެފަދަ ހާލެއްގައި ތިއްބާ އަޅާނުލާ ބޭއްވުމަކީ ބޮޑު އިހުމާލެއް
ކަމަށެވެ. "މި
އަދާކުރަނީ ސަރުކާރުގެ ޒިންމާ، މި ފުއްދަނީ ވައުދު،" ރައީސް ވިދާޅުވިއެވެ. އެހެންކަމުން، މަރާމާތަށް
އެހީތެރިކަން ދިނުމަކީ އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބެލިޔަސް ކުރަންޖެހޭ
ކަމެއް ކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް