އެއްވުމުގެ ތެރެއިން މޮރޮކޯ މީހަކު ހައްޔަރު ކުރަނީ --
ވޯލްޑް ކަޕް 2026 ގައި ނެދަލެންޑްސް ބަލިކޮށް މޮރޮކޯ ހޯދި މޮޅު ފާހަގަކުރުމުގެ ތެރޭގައި ނެދަލޭންޑުގެ ދަ ހޭގް އާއި ރޮޓެޑެމްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޖުމްލަ 17 މީހުން ހައްޔަރުކޮށްފައިވެއެވެ.
ދަ ހޭގްގައި ހިނގި ހަމަނުޖެހުންތަކުގައި 13 މީހުން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން ހަތަރު މީހުން ހައްޔަރުކުރީ ޢާންމު ތަންތާގައި ހިންގި އަނިޔާވެރި ޢަމަލުތަކާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ދެން ތިބި މީހުން ހައްޔަރުކުރީ ޢާންމު ނިޒާމު ނުގެއްލޭ ގޮތަށް ހިފެހެއްޓުމާ ގުޅޭ އެކި ކުށްތަކުގައެވެ.
އިއްޔެ މެޗު ނިމުމާ އެކު ދަ ހޭގްގެ މަގުތަކަށް ގިނަ ޢަދަދެއްގެ މޮރޮކޯ މީހުން ނުކުމެ އުފާ ފާޅުކުރަމުންދިޔައިރު ބާރުގަދަ ބަޑިބޭހާއި ގާ އުކައި ފުލުހުންނަށް ހަމަލާ ދީފައިވެއެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ރަޔަޓް ފުލުހުން ނެރެ ވޯޓާ ކެނަން ވެސް ބޭނުންކޮށްފައިވެއެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ވެސް ބުރޫ އެރިއެވެ.
ވަކި ހާދިސާއެއްގައި ދެ މީހަކު ފުލުހުންނާ ދިމާލަށް ބަޑިއެއް ކަމަށް ބެލެވޭ އެއްޗަކުން ހަމަލާ ދީގެން ހައްޔަރުކޮށްފައިވެއެވެ. ފަހުން ބެލިބެލުމުގައި އެއީ ބީބީ ބަޑިއެއް ކަމަށް ކަނޑައެޅިފައިވެއެވެ. މި ދެ މީހުން ހައްޔަރުކުރުމުގައި ފުލުހުން ނުރައްކާތެރި ޝައްކުކުރެވޭ މީހުންނަށް ޚާއްޞަ ޓެކްޓިކަލް އުސޫލު ބޭނުންކޮށް ހަތިޔާރު ދިއްކޮށްގެން ތިބެ ހައްޔަރުކޮށްފައިވެއެވެ.
ރޮޓެޑެމްގައި ވެސް އެ މޮޅު ފާހަގަކުރުމަށް އެތައް ސަތޭކަ ސަޕޯޓަރުން މައި މަގުތަކަށް ނުކުތެވެ. ނަމަވެސް އެ ސިޓީގެ ޤަވާޢިދުގައިވާ ގޮތުން މެޗު ނިމޭތާ ގަޑިއެއް ބައި ތެރޭ އުފާ ފާޅުކުރުން ހުއްޓައިލަން ޖެހެއެވެ. އެ ވަގުތު ހަމަވުމުން ފުލުހުން މީހުން ފޮނުވައިލުމަށް އެންގި ނަމަވެސް ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ.
ފުލުހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތަކަކީ ޤައުމީ ސިޔާސަތުގެ ދަށުން ސީރިއަސް ކުށެއް ގޮތުގައި ބެލެވޭ ކަމެއް ކަމަށާއި ފުލުހުންނާއި ކުއްލި ހާލަތުގައި ހަރަކާތްތެރިވާ މީހުންނަށް ހަމަލާ ދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ބާވަތުގެ ހުރިހާ މައްސަލައެއް އިސްކަންދީގެން ދަޢުވާ ކުރެވޭ ކަމަށާއި ޢާންމު އަދަބަށް ވުރެ މާ ބޮޑެތި ޙުކުމްތައް ކޮށްދިނުމަށް އެދެވޭ ކަމަށް ވެސް ނެދަލެންޑް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް