ބައްސާމުގެ އެކައުންޓަށް އެސް.އޯ.އެފް އިން 29،000 ޑޮލަރު ޖަމާކުރި މައްސަލައިގައި ދައުވާ ކުރަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ކުރީގެ ރައީސް ބައްސާމު ޢަދީލް ޖަލީލް (ގ. ފަހިވާގެ / ކ. މާލެ) ގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާ ކޮށްދިނުމަށް އެދި، އެންޓި-ކޮރަޕްޝަން ކޮމިޝަން...

01 Jun 2026 | 10:54
ބައްސާމް އަދީލް ޖަލީލް - ފޮޓޯ: ޕީއެސްއެމް

ބައްސާމް އަދީލް ޖަލީލް - ފޮޓޯ: ޕީއެސްއެމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ކުރީގެ ރައީސް ބައްސާމު ޢަދީލް ޖަލީލް (ގ. ފަހިވާގެ / ކ. މާލެ) ގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާ ކޮށްދިނުމަށް އެދި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

މި މައްސަލައަކީ އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން، އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުގެ ބޭންކް އެކައުންޓުތަކަށް ޖަމާކުރި މައްސަލައެވެ. އޭސީސީ އާއި ފުލުހުންގެ ޖޮއިންޓް ތަޙުޤީޤުން ސާބިތުވެފައިވާ ގޮތުގައި، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން، އެސް.އޯ.އެފް އިން ބައްސާމުގެ ބޭންކް އެކައުންޓަށް 29،000 (ނަވާވީސް ހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެއެވެ. އަދި މި ފައިސާ ބައްސާމުގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާ ކަމަށް ވެސް ތަޙުޤީޤަށް ފާހަގަވެފައިވެއެވެ.

މީގެ އިތުރުން، ބައްސާމް ވަނީ އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައިވެރިވެ، ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައެވެ.

ބައްސާމުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

ބައްސާމް މިހާރު ވެސް ދަނީ، ފީފާ ފައިސާއިން 1.2 މިލިއަން ޑޮލަރު ޚިޔާނާތާއި މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ، 32 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް