N/A
ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް ހަތަރު ވަނަ އިޞްލާޙު ގެނެސް، ރާއްޖެއިން ބޭރަށް ރިފަރކުރެވޭ ހާލަތްތައް ފުޅާކޮށް، މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.
ގެޒެޓުގައި ޝާއިޢުކުރި ގަވާއިދު ނަންބަރު R-47/2026 ގައިވާ ގޮތުން، ގަވާއިދު ނަންބަރު R-19/2015 (ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ށ) ވަނީ އިޞްލާޙުކޮށްފައެވެ. އެ އިޞްލާޙުގެ ދަށުން، ރާއްޖެއިން ބޭރަށް ރިފަރކުރެވޭ ހާލަތްތަކުގެ ތެރޭގައި ސްކީމުން ހުއްދަކުރާ ރާއްޖެއިން ލިބެން ނެތް ޚިދުމަތަކަށް ރިފަރކުރުމާއި، ސްކީމުގެ ދަށުން އެމްޕެނަލް ކުރެވިފައި ނުވާ ޚިދުމަތެއް ހޯދުމާއި، ބަލީގެ ބާވަތާއި ބަލިމީހާގެ ހާލަތާއި ރާއްޖޭގައި ފަރުވާ ލިބުމުގައި ހުރި ދަތިތަކަށް ރިޢާޔަތްކޮށް ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ހޯދުން ހިމެނެއެވެ.
މީގެ އިތުރުން، 13 ވަނަ މާއްދާއަށް އައު އަކުރެއް (ރ) އިތުރުކޮށްފައިވެއެވެ. އެ އަކުރުގެ ދަށުން، ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ޚާއްޞަ ޑޮކްޓަރުން ލަފާ ދިނުމަށް ފަހު އެނބުރި ރާއްޖެ އައުމަށް ނުވަތަ ފަރުވާ ފުރިހަމަކުރުމަށް ފަހު އެނބުރި ރަށަށް ދިއުމަށް ވެސް ރިފަރކުރެވޭނެއެވެ.
ގަވާއިދުގެ 14 ވަނަ މާއްދާ ވެސް ވަނީ އިޞްލާޙުކޮށްފައެވެ. އެ ބަދަލުގެ ދަށުން، ރިފަރކުރުމުގެ ހުއްދަ ދެވޭނީ އެ ބައްޔެއްގެ ޚާއްޞަ ޑޮކްޓަރުން ތިއްބަވާ، އާސަންދަ ސްކީމުގެ ދަށުން ރަޖިސްޓަރވެފައިވާ ތަންތަނަށެވެ. ނަމަވެސް އެ ބައްޔެއްގެ ޚާއްޞަ ޑޮކްޓަރެއް އެ އަތޮޅެއް ނުވަތަ ރަށެއްގައި ނެތް ހާލަތުގައި، ކުންފުނިން ހުއްދަ ދޭ ޑޮކްޓަރަކަށް ރިފަރކުރެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފެށީ ގެޒެޓުގައި ޝާއިޢުކުރި ތާރީޚު ކަމަށްވާ މިއަދުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް