މި މައްސަލައިގާ ހައްޔަރުކުރި ދެމީހުން - ފޮޓޯ: ޕޮލިސް
ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވި ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ ދެ މީހުން ހައްޔަރުކުރީ، ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތި ވިއްކާ ފަރާތްތަކަށް އަމާޒުކޮށް، ގއ. ވިލިނގިލި ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މެއި 28 ވަނަ ދުވަހުގެ ހެނދުނު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަނުގައި ހަތަރު ގެއެއް ބަލައިފާސްކޮށް، ޖުމްލަ 66.92 ގްރާމް މަސްތުވާތަކެތި ހޯދާފައިވާ ކަމަށާއި، އޭގެ ތެރޭގައި 53.91 ގްރާމް ބްރައުން ޝުގަރ އާއި 13.01 ގްރާމް މެތަފެޓަމިން ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މި ނެޓްވޯކުގެ އިސް ފަރާތްތައް ކަމުގައި ފާހަގަކުރެވޭ އެތެންސް / ގއ. ވިލިނގިލި، މުޙައްމަދު ޢަޠޫފް ޙަބީބް (25 އ) އާއި ދެތަޑިމާގެ / ގއ. ވިލިނގިލި، މުޙައްމަދު ރާއިފް ޙުސައިން (20 އ) ކަމަށް ފުލުހުން ބުނެއެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަޠޫފް 15 ދުވަހަށް އަދި ރާއިފް 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު 17/2011 އަށް އަލަށް ގެނައި އިޞްލާޙުތަކުގެ ތެރެއިން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި އެކްސްޕްލޮއިޓްކުރެވޭ ފަރާތްތައް ރައްކާތެރިކުރުމާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު 19/2019 ގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުން ސަލާމަތްކުރުމުގެ މަޤުޞަދުގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް