މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު -
ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ނަމާދު ވަގުތަށް ކުޅިވަރު ނުކުޅެވޭ ގޮތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކުޅިވަރުގެ މައިދާނުގައި އުޅޭއިރު ނަމާދު ވަގުތު ޖެހި ނިމިގެންދާއިރު ވެސް ކުޅިވަރު ކުޅުމުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ގަސްދުގައި ނޫން ނަމަވެސް، އެއީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ހިނގަމުންދާ ގޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން އަޅާ ސްޕޯޓްސް ކޮމްޕްލެކްސްތައް ހިމެނޭ ގޮތަށް ކުޅިވަރު ކުޅޭ އިމާރާތްތަކުގައްޔާއި މައިދާންތަކުގައި، ޒަމާނީ ވަސީލަތްތަކާއެކު ވުޟޫކޮށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
"ސަރުކާރުން އަޅާ އިމާރާތްތަކުގައި ސްޕޯޓްސް ކޮމްޕްލެކްސްތަކާއި އެކި ތަންތަނުގައި ނަމާދު ކުރެވޭނެ ފެސިލިޓީސްތައް، ޒަމާނީ ފެސިލިޓީސްތައް ވުޟޫކުރުމާއެކީގައި ޤާއިމްކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބަންގި ގޮވާ ވަގުތުން ފެށިގެން ވަކި ވަގުތަކަށް ހުރިހާ ކުޅިވަރެއް މެދުކަނޑާލެވޭ ގޮތަށް ބަދަލުތައް ގެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ކުޅިވަރު ކުޅެން އުޅެފައި ނަމާދު ގަޑި ގެއްލުނަނުދިނުމަށްޓަކައި ގޮސް ނަމާދުކުރުމަށް އަދި ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑައިލެވޭ ގޮތަށް 20ވަރަކަށް މިނިޓު ނަމަވެސް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ،" ރައީސް ވިދާޅުވިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އެކި ފަރާތްތަކާ ހަވާލުކޮށްގެން އަޅަން ނިންމާފައިވާ ކުޅިވަރު ފެސިލިޓީތަކުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ނަމާދު ވަގުތު ޖެހުމުން ވަކި ވަގުތަކަށް ކުޅިވަރު ނުކުޅެވޭ ގޮތަށް ބަދަލުތައް ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް