މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ރާއްޖޭގައި ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިޢުލާންކުރައްވައިފިއެވެ.
ރައީސް މިކަން އިޢުލާންކުރެއްވީ، ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހި މުޖުތަމަޢަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ، ގުޅުން ބަދަހި ކުޑަ މުޖުތަމަޢެއް ކަމަށެވެ. އެހެންކަމުން، މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލުކުރުމުގައި ޚާއްޞަ އިސްކަމެއް ދޭންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ މައްސަލަތައް ޙައްލުކުރުމަށް ގެންގުޅޭ އުޞޫލުތަކަށް ރިޢާޔަތްކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ޒުވާނުންގެ ރައްކާތެރިކަމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ އަބަދުވެސް ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް މިއީ މިއަދު އޮތް ބޮޑު ގޮންޖެހުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުޑަކުދިން މިހާރު ސޯޝަލް މީޑިއާގެ ނުރައްކާތަކަށް ނިސްބަތުން ބޮޑަށް ހުށަހެޅިފައިވާ ކަމަށެވެ. ޚާއްޞަކޮށް ސައިބަރ ބުލީންއަކީ ކުދިންގެ މުސްތަޤުބަލަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވައި، އެފަދަ ކަންކަމުން ކުދިން ރައްކާތެރިކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް