ލަންކާ ރައީސް އާއި ރާއްޖޭގެ ރައީސް -
ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމާ ބެހޭ ގޮތުން ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުމުގެ އަމުރެއް، ލަންކާގެ ޕާލިމަންޓުގެ ކޮމިޓީއަކުން ފާސްކޮށްފިއެވެ.
މި އަމުރު ފާސްކުރީ، ޖަސްޓިސް އެންޑް ނޭޝަނަލް އިންޓަގްރޭޝަން މިނިސްޓަރު ހަރްޝަނާ ނަނަޔައްކަރަގެ ރިޔާސަތުގައި ޕާލިމަންޓުގައި ބޭއްވި މިނިސްޓީރިއަލް އެޑްވައިޒަރީ ކޮމިޓީ އޮން ޖަސްޓިސް އެންޑް ނޭޝަނަލް އިންޓަގްރޭޝަންގެ ބައްދަލުވުމެއްގައި ކަމަށް އައިލެންޑް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
މި އަމުރު ގުޅެނީ، 2025 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ސަރުކާރާއި ލަންކާގެ ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުމަކާއެވެ. އެ އެއްބަސްވުމާ ބެހޭ ގަވާއިދު ލަންކާގެ ޚާއްޞަ ގެޒެޓުގައި ޝާއިޢުކުރީ މި އަހަރުގެ ޖަނަވަރީ 5 ގައި ކަމަށާއި، ޕާލިމަންޓަށް ހުށަހެޅީ ނިމުނު މެއި މަހުގެ 19 ވަނަ ދުވަހު ކަމަށް ވެސް އެ ނޫހުގައިވެއެވެ.
މި އެއްބަސްވުމުން، ދެ ޤައުމުގެ ދެމެދުގައި ޖިނާއީ ތަޙުޤީޤުތަކާއި ދަޢުވާ ކުރުމުގެ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ރަސްމީ އޮނިގަނޑެއް ޤާއިމުކުރެވޭނެއެވެ. އޭގެ ތެރޭގައި ޓެރަރިޒަމާ ގުޅޭ ކުށްތަކާއި، ޓެރަރިޒަމަށް ފައިސާ ދިނުމާއި، ޖަރީމާތަކުން ހޯދާ ފައިސާ ދެނެގަނެ ހިފެހެއްޓުމާއި އަތުލުމުގެ ކަންކަން ހިމެނޭ ކަމަށް ގެޒެޓުގައި ބަޔާންކޮށްފައިވާ ކަމަށް އައިލެންޑުން ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން، ޖިނާއީ ޢަމަލުތަކުން ހޯދާ މުދާ ފްރީޒްކޮށް އަތުލުމާއި، ބޮޑެތި ޖިނާއީ ކުށްތައް ހުއްޓުވުމާއި ތަޙުޤީޤުކުރުމާއި ދަޢުވާ ކުރުމުގައި ފުޅާ ދާއިރާއެއްގައި ގުޅިގެން މަސައްކަތްކުރުމަށް ވެސް މި އޮނިގަނޑުން މަގުފަހިވެއެވެ. މި އޮނިގަނޑުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ބޯޑަރު ހުރަސްކޮށް ހިންގާ ޖަރީމާތަކާ ދެކޮޅަށް ޤާނޫނީ ގޮތުން ގުޅިގެން މަސައްކަތްކުރުން އިތުރަށް ހަރުދަނާވާނެ ކަމަށް އައިލެންޑުން ރިޕޯޓުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް