މޭ ޑޭގައި އެމްޑީޕީގެ ފުށުން ޙަރަކާތްތެރިކަމެއް ނުފެނުމަކީ ހިތާމައެއް: ނަޝީދު

މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅޭ އެއްވެސް ޙަރަކާތެއް އެމްޑީޕީގެ ފުށުން ނުފެނުމަކީ ހިތާމައެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިއަދު އެކ...

01 May 2026 | 11:08
2017 މޭޑޭ މުޒާހަރާގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝަފީގު

2017 މޭޑޭ މުޒާހަރާގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝަފީގު

މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅޭ އެއްވެސް ޙަރަކާތެއް އެމްޑީޕީގެ ފުށުން ނުފެނުމަކީ ހިތާމައެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޭ ޑޭ އަކީ 2006 ވަނަ އަހަރުން ފެށިގެން އެމްޑީޕީ އިސްނަގައިގެން ފާހަގަކުރަމުން އަންނަ، ޙައްޤުތަކާ ގުޅޭ ތާރީޚީ ޙަރަކާތްތަކެއް ހިނގާފައިވާ ނުހަނު މުހިންމު މުނާސަބަތެއް ކަމަށެވެ. އަދި މޭ ޑޭ ބަންދު ދުވަހަކަށް ހަމަޖެއްސީ ވެސް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ހުރިހާ މަސައްކަތްތެރިންނަށް ނަޝީދު ވަނީ މޭ ޑޭގެ ތަހުނިޔާ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވި ގޮތަށް، ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް ރާއްޖޭގެ ރަސްމީ ބަންދު ދުވަހަކަށް ހަމަޖެއްސީ 2011 ވަނަ އަހަރު، ނަޝީދުގެ ވެރިކަމުގައެވެ. އޭރުގެ ރައީސް އޮފީހުން ބުނެފައި ވަނީ، އެ ނިންމުމަކީ މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

ރާއްޖޭގައި މޭ ޑޭ ފާހަގަކުރުމުގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ޙަރަކާތަކީ، 2015 ވަނަ އަހަރުގެ މޭ ޑޭ ގައި އެމްޑީޕީއާއި އަދާލަތު ޕާޓީ ގުޅިގެން މާލޭގައި ބޭއްވި މުޒާހަރާއެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަޝީދު 13 އަހަރަށް ޖަލަށް ލުމާ ގުޅިގެން ބޭއްވި އެ މުޒާހަރާ އަކީ، އޭގެ 10 އަހަރު ކުރިން ފެށިގެން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެ މުޒާހަރާގައި 7،000 އެއްހާ މީހުން ބައިވެރިވެ، ފުލުހުންނާ ކުރިމަތިލުމަށްފަހު 200 އެއްހާ މީހުން ހައްޔަރުކުރި އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އޭރުގެ އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އާއި އެމްޑީޕީގެ އޭރުގެ ޗެއާޕާސަން ޢަލީ ވަޙީދު ހިމެނުނެވެ.

މި ފާޑުކިޔުން ނަޝީދު ކުރިމަތިކުރުވަނީ، 2023 ވަނަ އަހަރު އެމްޑީޕީ ދޫކުރައްވައި "ދަ ޑިމޮކްރެޓްސް" އުފެއްދެވުމަށްފަހު، މިދިޔަ އަހަރު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެން، އެ ޕާޓީގެ ޗެއާޕާސަން ކަމަށް ކެމްޕޭންކުރައްވަމުން ދަނިކޮށެވެ. ޖޫން 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ އިންތިޚާބުގައި ނަޝީދާ ވާދަކުރައްވަނީ ދެކުނު ގަލޮޅު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމާއި ކުރީގެ މެންބަރު އަލްހާން ފަހުމީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް