މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން -
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރު ކަމުގެ މަޤާމުން ހ. އާހަމަ، އިބްރާހީމް ޒިޔަތު ވަކިކޮށް، އެ މަޤާމަށް މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން މިއަދު ޢައްޔަންކުރައްވައިފިއެވެ.
މި ބަދަލު ޢަމަލުކުރަން ފެށީ މިއަދު، 1 މޭ 2026 އިން ފެށިގެންނެވެ.
ލަމްޢާން އަކީ ސަރުކާރު ޙިއްޞާވާ ކުންފުނިތައް ހިންގެވުމުގެ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ހިންގުންތެރިއެކެވެ. އެންމެ ފަހުން އެމަނިކުފާނު ފުރުއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމެވެ. އެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ އެންމެ މުހިންމު އެއް މުއައްސަސާގެ އޮޕަރޭޝަންތައް ބެލެހެއްޓެވުމާއި ހިންގުން ހަރުދަނާކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.
މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް ހިއުމަން ރިސޯސް އޮފިސަރު ކަމުގެ މަޤާމާއި ޗީފް ޕްރޮކިއުމަންޓް އޮފިސަރު ކަމުގެ މަޤާމު ވެސް ލަމްޢާން ވަނީ ފުރުއްވައިފައެވެ. އެ ކުންފުނީގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، މަސައްކަތުގެ ހަރުދަނާކަން އިތުރުކުރެއްވުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.
ކޯޕަރޭޓް ގަވަރނަންސް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ލީޑާޝިޕްގެ ދާއިރާއިން ވަރުގަދަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ލަމްޢާން ވަނީ ޔުނިވާސިޓީ އޮފް ކޮލަމްބޯއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ޙާޞިލުކުރައްވައިފައެވެ. އަދި މެނޭޖްމަންޓާއި ލީޑާޝިޕްގެ ދާއިރާއިން ގިނަ ފަންނީ ތަމްރީނު ޕްރޮގްރާމުތަކެއް ވެސް އެމަނިކުފާނު ވަނީ ފުރިހަމަކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް