ސުމޫދު ފްލޮޓިލާ އަށް އިޒްރޭލުގެ ހަމަލާ ކުށްވެރިކޮށް ރާއްޖެ ހިމެނޭހެން 11 ޤައުމަކުން ބަޔާނެއް

ޣައްޒާ އަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ" އަށް އިޒްރޭލުން ދިން ހަމަލާތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، ދިވެހިރާއްޖެ ހިމެނޭހެން 11 ޤައުމެއްގެ ޚާރިޖީ ވަޒީރުނ...

01 May 2026 | 05:24
N/A

N/A

ޣައްޒާ އަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ" އަށް އިޒްރޭލުން ދިން ހަމަލާތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، ދިވެހިރާއްޖެ ހިމެނޭހެން 11 ޤައުމެއްގެ ޚާރިޖީ ވަޒީރުން ގުޅިވަޑައިގެން ޖޮއިންޓް ބަޔާނެއް މިއަދު ނެރުއްވައިފިއެވެ.

މި ބަޔާނުގައި ބައިވެރިވެވަޑައިގަތީ ދިވެހިރާއްޖެ އާ އެކު ބަންގްލަދޭޝް، ބްރެޒިލް، ކޮލަމްބިއާ، އުރުދުން، ލީބިޔާ، މެލޭޝިއާ، ޕާކިސްތާން، ދެކުނު އެފްރިކާ، ސްޕެއިން އަދި ތުރުކީގެ ޚާރިޖީ ވަޒީރުންނެވެ.

ބަޔާނުގައިވާ ގޮތުން، ފްލޮޓިލާ އަކީ ޣައްޒާގައި ހިނގަމުންދާ އިންސާނީ ހިތާމަވެރި ހާލަތަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ސުލްހަވެރި، ސިވިލިއަން އިންސާނީ މިޝަނެކެވެ. ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުގައި ފްލޮޓިލާގެ ބޯޓުތަކަށް އިޒްރޭލުން ދިން ހަމަލާތަކާއި، އިންސާނީ އެހީ ފޯރުކޮށްދޭ އެކްޓިވިސްޓުން ޣައިރުޤާނޫނީ ގޮތުން ހައްޔަރުކުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނާއި އިންސާނީ ޤާނޫނުގެ ފާޅުކަން ބޮޑު ޚިލާފުތަކެއް ކަމަށް ވަޒީރުން ވަނީ ވިދާޅުވެފައެވެ.

ހައްޔަރުކޮށްފައިވާ އެކްޓިވިސްޓުންގެ ސަލާމަތާ މެދު ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި، އެ މީހުން ވަގުތުން މިނިވަންކުރުމަށް ބޭނުންވާ ފިޔަވަޅުތައް އިޒްރޭލުގެ ކަމާ ބެހޭ ފަރާތްތަކުން އެޅުމަށް ވަޒީރުން ވަނީ ގޮވައިލައްވައިފައެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނު ނެގެހެއްޓުމަށާއި، ޢާންމު ރައްޔިތުން ހިމާޔަތްކުރުމަށާއި، ޒިންމާ ކަށަވަރުކުރުމުގެ އަޚްލާޤީ އަދި ޤާނޫނީ ވާޖިބުތައް އަދާކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ބަޔާނުގައި ވަނީ ގޮވައިލައްވައިފައެވެ.

ބުދަ ދުވަހުގެ ރޭ ގްރީސްގެ ކްރީޓު ޖަޒީރާ ކައިރިން ބައިނަލްއަޤުވާމީ ކަނޑުގައި އިޒްރޭލުގެ ކަނޑުގެ ސިފައިން ވަނީ ފްލޮޓިލާގެ 22 ބޯޓު ހިފަހައްޓައި، 175 ވަރަކަށް އެކްޓިވިސްޓުން ހައްޔަރުކޮށްފައެވެ. ހިޞާރުކޮށްފައިވާ ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ފުރި ގްލޯބަލް ސުމޫދު ފްލޮޓިލާގެ ޖުމްލަ 58 ބޯޓު، 400 އެއްހާ އެކްޓިވިސްޓުންނާ އެކު ފުރީ، މި މަހުގެ 12 ވަނަ ދުވަހު ސްޕެއިންގެ ބާރސެލޯނާއިންނެވެ. މިއީ ފާއިތުވި އޮކްޓޫބަރު މަހު މިފަދަ ފްލޮޓިލާއެއް އިޒްރޭލުން ހިފެހެއްޓުމަށްފަހު، ޣައްޒާގެ ކަނޑުގެ ހިޞާރު ނިމުމަކަށް ގެނައުމަށް އިންތިޒާމުކުރި ފަރާތްތަކުން ކުރިއަށް ގެންދާ ދެވަނަ މިޝަންކަމަށް ބައިނަލްއަޤުވާމީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް