ގުމޭރިޔާ ރައީސަށް ފޭލި ހަދިޔާކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
އަތްތެރިމަސައްކަތުގެ ފަންނުވެރި އާމިނަތު ގުމޭރިއާ
އަމިއްލަ އަތުން ވިޔެ ތައްޔާރުކޮށްފައިވާ ދިވެހި ފޭއްޔެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ
މުޙައްމަދު މުޢިއްޒު އަށް ހަދިޔާކުރައްވައިފިއެވެ.
މި ފޭލި އެމަނިކުފާނަށް ހަދިޔާކުރައްވާފައި ވަނީ މިކަމަށްޓަކައި
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި، ގުމޭރިއާ ވަނީ ދިވެހި ފޭލި
ވިޔުމަށް ޝައުގުވެރިކަން އުފެދިގެންއައި ގޮތާއި އިހު ޒަމާނުގައި ދިވެހި ކާބަފައިން
ދިވެހި ފޭލި ވިޔެ އުޅުނުގޮތުގެ އާޖުފާޖު ދަސްކުރައްވައި، އުވެމުންދާ މި މަސައްކަތް
އާލާކުރެއްވުމަށް އޭނާ ފައްޓަވާފައިވާ މަސައްކަތުގެ ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާއާ
ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި،
ދިވެހިންގެ ޒަމާންވީ އެކިއެކި މަސައްކަތްތަކާއި އާދަކާދަތައް ކުރިއަރުވައި އާލާކުރުމަށް
އެކި ފަރާތްތަކުން ކުރައްވާ މަސައްކަތްތަކަށް ސަރުކާރުން އަބަދުވެސް އެހީތެރިކަން ދެއްވާނެކަން
ހާމަކުރެއްވިއެވެ. އަދި މި ފަންނު އާލާކުރުމަށް ގުމޭރިއާ ކުރައްވަމުންގެންދަވާ މަސައްކަތް
ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއަށް ހިތްވަރުދެއްވާފައެވެ.
ގުމޭރިޔާ މިއަދު ހަދިޔާކުރެއްވި ދިވެހި ފޭއްޔަކީ
1932 ވަނަ އަހަރު ދިވެހިރާއްޖޭގައި ދިވެހީންގެ އާންމު ހެދުމެއްގެ ގޮތުގައި ބޭނުންކުރަމުންއައި
ފޭއްޔާއި އެއްގޮތަށް ތައްޔާރުކުރައްވާފައިވާ ފޭއްޔެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް