ނަމާދަށް ހުރި މީހެއްގެ ކަންފަތުގައި މީހަކު ދަތް އަޅައި ބައެއް ބުރިކޮށްލުމަށްފަހު ފޯނު ހިފައިގެން ފިލަން މަސައްކަތް ކޮށްފި
މާލޭ މިސްކިތެއްގައި ނަމާދަށް ހުރި މީހެއްގެ ފޯނު ފޭރިގަންނަން އުޅެ އެކަން ކާމިޔާބު ނުވުމުން ކަންފަތުގައި ދަތް އަޅައި ކަންފަތުގެ ބައެއް އިރާލުމަށްފަހު ފިލަން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފޯނު ފޭރިގަންނަން މަސައްކަތް ކޮށްފައިވަނީ މިއަދު ހެނދުނު 9:30 ހާއިރު ހެންވޭރު މަސްޖިދުއްތަޤްވާގައި ޟުހާ ނަމާދަށް ހުރި މީހެއްގެ އަތުން ނެވެ.
ފުލުހުން ބުނީ އެކަން ކާމިޔާބު ނުވުމުން ނަމާދަށްހުރި މީހާގެ ކަންފަތުގައި ދަތް އަޅައި ކަންފަތުން ބައެއް ނަގާފައި ވާކަމަށެވެ.
އާންމުންގެ އެހީތެރިކަމާއެކު ކަންފަތުގައި ދަތް އަޅައި ކަންފަތް އިރާލި މީހާ ހައްޔަރުކޮށްފައިވާއިރު ޒަހަމް ވި އުމުރުން 53 އަހަރުގެ މީހާ އަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުންނެވެ.