ރަމަޟާން މަހައް ތައްޔާރު ވުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޚާއްސަ ދީނީ ދަރުހެއް އިއްޔެ ބާއްވައިފި އެވެ.
ޕޮލިސް ސާވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް އިން އިސްނަގައިގެން ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ބޭއްވި މި ދަރުސް އޮތީ އިއްޔެ މެންދުރު އިސްކަންދަރު ކޮށީގައެވެ.
މި ދަރުސްގައި ރަމަޟާން މަހަށް ތައްޔާރު ވުމާ ބެހޭ ގޮތުން ދީނީ ނަސޭހަތް ދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަހުމަދު ޒިޔާދު ބާޤިރު އެވެ.
”ރަމަޟާން މަސް ލިބިގަންނާނީ“ މިމަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުން ޑރ.ޒިޔާދު ވިދާޅުވީ ރަމަޟާން މަހާ ކުރިމަތިލާއިރު އެމަހުގެ ހެޔޮ ދަރުމައާއި ޘަވާބު ހޯދުމަށް ހުރިހާ އެންމެންވެސް މަސައްކަތް ކުރުމަށާއި ރަމަޟާން މަހު ހިފާ ރޯދަ ހެޔޮގޮތުގައި ހިފުމަށްޓަކާ ދީނީ ޢަޤީދާ ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ރަމަޟާން މަހާ ކުރިމަތިލާއިރު ތިމާ ހިތުތެރޭގައި މީހަކާ ދޭތެރޭ ހަސަދަވެރިކަމެއް އުފެދިފައިވާ ނަމަ އެކަމުން ދުރުހެލިވެ މަޢާފު ކުރުމަށާއި މަޢާފަށް އެދުމުގެ ރިވެތި ސިފައިން ޒީނަތްތެރި ވުމަށް އެދިވަޑައިގެންނެވި އެވެ.
އޭގެ އިތުރުން، ކިބުރުވެރިކަމާއި ބޮޑާ ކަމުން އެއްކިބާވެ ހިތް ސާފުކޮށް އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.
މިނިސްޓަރ ވިދާޅުވީ ފުލުހުންނަކީ ދީނީ އަދި ޤައުމީ ވާޖިބު އަދާ ކުރާ ބަޔަކަށްވީހިނދު މިކުރެވެނީ ކޮން ކަމެއް ކަމެއް އެހާ ބޮޑަށް އިހުސާސް ނުކުރެވުނު ނަމަވެސް ޤައުމަށްޓަކާ އެވާ ޤުރުބާނީއަކީ ވަރަށް އިޚުލާޞްތެރި އަޅުކަމެއް ކަމުގައެވެ.
އެހެން ކަމުން ޢިޚުލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވި އެވެ.
އަދި ޤުރުއާން ކިޔަވައި ގިނަ ގިނައިން އަޅުކަން ކުރުމުގައި ރަމަޟާން މަސް ހޭދަ ކުރުމަށާއި ނަމާދަށް ފަރުވާތެރިވެ އިސްލާމް ދީނުގެ އަލި މަގުން ކުރިއަށް ދިއުމަށް އެދިލެއްވި އެވެ.
މީގެ އިތުރުން ވިދާޅުވީ ކޮންމެ މީހަކުވެސް އެމީހަކަށް ލިބޭ މިންވަރަށް ޝުކުރުކޮށް ލިބޭ އެއްޗަކުން ފުއްދައިގެން ދިރިއުޅުމުގެ ކަންތައް ހަމަޖެއްސުމަކީ އިސްލާމީ ރީތި އުސޫލުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށާއި އެހެން ކަމުން މި އާދަތަށް ގައިގައި ހަރުލެއްވުމަށް އިސްކަން ދިނުމަކީ މުހިންމު ކަމެއް ކަމުގައެވެ.
މި ދަރުސްގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރުންނާއި ފުލުހުންގެ ކަމިޝަންޑް އަދި ނަން ކަމިޝަންޑް އޮފިސަރުންނާއި ސިވިލް މުވައްޒަފުން ބައިވެރިވިއެވެ.