ކުރިއަށް އޮތް ރޯދަމަހު ގުރުއާން ކިޔެވުން އިތުރުކޮށް، އެ މައްސަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އިލްތިމާސްކުރައްވައިފި އެވެ.
ރޯދަ މަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރޯދަމަހަކީ އިސްލާމީ އުއްމަތަށް މިންވަރު ކުރައްވާފައިވާ ވަރަށް މަތިވެރި ރޫހާނީ އަދި ވަރަށް ބޮޑު ރަހުމަތަކާއި ނިއުމަތެކެވެ. އެއީ، އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ﷲގެ ރަހުމަތާއި މަގުފިރަތު އޮހެމުންދާ މައްސަރެވެ.
އެހެންކަމުން އެ މާތް މައްސަރުގެ ހެޔޮ ދަރުމަ ލިބިގަނެ، ރޯދައިގެ މަތިވެރި ވާޖިބު އަދާކޮށް، ސަދަގާތް ދީ އަދި ހެޔޮ ކަންތައްތައް އިތުރުކުރުމަކީ އެންމެންގެ މައްޗަށް އޮތް ވާޖިބެއްކަން ރައީސް ހަނދާންކޮށްދެއްވި އެވެ. އަދި ގުރުއާން ބާވައިލެއްވީ ރޯދަމަހު ކަމަށް ވާތީ، މި ރޯދަމަހު ގުރުއާނަށް އިތުރު އަހައްމިއްޔަތުކަމެއް ދީ، އެ މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެ މަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.
ރައީސް ވަނީ ރޯދަމަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ރާއްޖޭގެ ރައްޔިތުންގެ އިތުރުން، އިސްލާމީ ގައުމުތަކާއި ބައިނަލްއަގުވާމީ އިސްލާމީ ޖަމާއަތްތަކުގެ ވެރިންނަށް ވެސް އަރިސްކުރައްވާފަ އެވެ. އަދި މި ރޯދަމަހަކީ ހުރިހާ ގޮތަކުން ވެސް ދިވެހިންނަށް ބާއްޖަވެރި، އުފާވެރި މަހަކަށް ވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މާދަމާ އަކީ މި އަހަރުގެ މުލަ ރޯދަ ދުވަހެވެ.