މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ބޮކްސާތެރޭގައި ރައްކާކޮށްގެން ށ.ޅައިމަގަށް އެތެރެ ކުރަން މަސައްކަތްކުރި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މާލެއިން ށ.ޅައިމަގަށް ދަތުރު ކުރަމުންދިޔަ ބޯޓެއްގައި ހުރި މީހަކު ބޮކްސާ ތެރޭގައި މަސްތުވާތަކެތި ރައްކާ ކޮށްގެން ށ.ޅައިމަގަށް އެތެރެ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މަޢުލޫމާތު ޕޮލިސް އިންޓަލިޖެންސަށް ލިބުމާއެކު ށ.ފުނަދޫ ޕޮލިސް ސްޓޭޝަންއާއި ގުޅިގެން ރޭ ދަންވަރު 01:00 ހާއިރު އޮޕަރޭޝަނެއް ހިންގާފައިވާކަމަށާއި އަދި މި އޮޕަރޭޝަން ހިންގާފައި ވަނީ ށ.ފުނަދޫގައި މަސައްކަތްކުރާ ފުލުހުންގެ ޓީމަކުން ރޭ ދަންވަރު ށ. މާއުނގޫދޫއަށް ގޮސް އެރަށުގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބްލެޓް ސައިޒުގެ ރަބަރު ޕެކެޓާއެކު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މާލެއިން ށ. ޅައިމަގަށް ދަތުރު ކުރަމުންދިޔަ ކުރިމަގު ބޯޓު ށ. މާއުނގޫދޫ ބަނދަރަށް، ބަނދަރުކުރި ވަގުތު އެ ބޯޓުގެ ތެރެއިން ކަމަށާއި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ މި ތަކެތި ފެނިފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ބޮކްސާގެ ތެރެއިން ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މީހާއަކީ ތަފާތު އެކި މައްސަލަތަކާ ގުޅިގެން 02 ފަހަރު ހުއްޓުވާ ސުވާލުކޮށް 02 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، 02 ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށެވެ. އަދި މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.