ފޮޓޯ: ހަވީރު
ފޮޓޯ: ހަވީރު

ޖޭޕީ އާއި ސަރުކާރާ އެކު ދެވަނަ މަޝްވަރާ ބައްދަލުވުން ބާއްވައިފި

ސަރުކާރާއި އިދިކޮޅު ޖޭޕީން ފަށާފައިވާ މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުން އިއްޔެ ބާއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވި ގޮތުގައި އެ ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ ހަވީރު 3:00 ރައީސް އޮފީހުގަ އެވެ. ނަމަވެސް މަޝްވަރާކުރެވުނު ކަންކަމުގެ ތަފްސީލެތް ނުދެއްވައެވެ.

ޖޭޕީގެ ފަރާތުން މަޝްވަރާގައި ބައިވެރިވެވަޑައިގެންނަވާ ލީޑަރު ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވަނީ ޖޭޕީން ސަރުކާރަށް ހުށަހަޅާފައިވާ ހަތަރު ކަންތަކާ ގުޅޭ ގޮތުން ”ތަފްސީލީ މަޝްވަރާތައް“ ކަމަށެވެ.

ޖޭޕީން ސަރުކާރަށް ހުށަހެޅި ހަތަރު ކަންތަކަކީ ވެރިކަންކުރާ ޕީޕީއެމް ވެސް ހިމެނޭ ގޮތަށް ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮންނަ ޕްލެޓްފޯމެއް ގާއިމްކުރުމާއި ހުކުމްް ތަންފީޒުކުރަމުންދާ ނުވަތަ ޝަރީއަތުގައި މައްސަލަތައް ހިނގާ ސިޔާސީ ބޭފުޅުންނަށް ”ގާނޫނީ އިމުގެ ތެރެއިން“ ދެވެން ހުރި ”ލުއިތައް“ ބެލުން އަދި ގާނޫނުއަސާސީ އަށް ހުށަހަޅާ އިސްލާހުތައް ހުރިހާ ޕާޓީއެއްގެ ވިސްނުން އޮންނަ، ”ކަލެކްޓިވް“ ހުށަހެޅުންތަކަށް ހެދުމެވެ. މީގެ އިތުރުން، އިންވެސްޓަރުންނަށް ހިމާޔަތް ލިބޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުން ހިމެނެ އެވެ.

މުއާޒު ވިދާޅުވީ ސަރުކާރުގެ މަންދޫބުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ރަށުގައި ނޫޅުއްވާތީ އޭނާގެ ބަދަލުގައި ބައިވެރިވެވަޑައިގަތީ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ކަމަށެވެ. މިދިޔަ އާދިއްތަ ދުވަހު ދެ ފަރާތުން ބާއްވަން އޮތް ބައްދަލުވުންވެސް ކެންސަލް ކުރަންޖެހުނީ ސަރުކާރުގެ ފަރާޓުން މަޝްވަރާގައި ބައިވެރިވާ ބައެއް ވަޒީރުން މާލޭގައި ވަޑައިގަތް ނެތުމުންނެވެ.

ޖޭޕީއާ އެކު މަޝްވަރާގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހަވީރު 3:00 ރައީސް އޮފީހުގަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *