ފަސް ރަށެއްގެ މަގުހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްއާރްޑީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނާޒިމެވެ.
މަގު ހަދަން މިއަދު ހަވާލުކުރި ފަސް ރަށަކީ ރ. އުނގޫފާރު އެ އަތޮޅު މީދޫއާއި ބ. އޭދަފުއްޓާއި، އދ. މަހިބަދޫގެ އިތުރު ސ. ހުޅުމީދޫ އެވެ.
އުނގޫފާރުގެ 14 މަގެއްގައި 3.2 ކިލޯމީޓަރަށް ތާރު އަޅައިގެން ހަދަން ހަވާލުކުރީ 32.6 މިލިއަން ރުފިޔާ އަށެވެ. މީދޫގެ ހަ މަގެއްގައި 3.2.6 ކިލޯމީޓަރަށް ތާރު އަޅައިގެން ހަދަން ހަވާލުކުރީ 30 މިލިއަން ރުފިޔާ އަށެވެ. އޭދަފުށީގެ 15 މަގެއްގައި 3.36 ކިލޯމީޓަރަށް ތާރު އަޅައިގެން މަގު ހަދަން ހަވާލުކުރީ 33.2 މިލިއަން ރުފިޔާ އަށެވެ. މަހިބަދޫގެ 19 މަގެއްގައި ތިން ކިލޯމީޓަރަށް ގާ އަތުރައިގެން މަގު ހަދަން ހަވާލުކުރީ 27.7 މިލިއަން ރުފިޔާ އަށެވެ.
ހުޅުމީދޫގެ ހަތަރު މަގެއްގައި 1.32 ކިލޯމީޓަރަށް ގާ އަތުރައިގެން މަގު ހަދަން ހަވާލުކުރީ 11.3 މިލިއަން ރުފިޔާ އަށެވެ. އެއްބަސްވުމުގައިވާ ގޮތުން މިރަށުގެ މަސައްކަތް 159 ދުވަހުން ނިންމަންޖެހޭ އިރު އަނެއް ހަތަރު ރަށުގެ މަސައްކަތް 380 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.