ސަރުކާރާ ޖުމްހޫރީ ޕާޓީއާ ދެމެދު މިއަދު ބާއްވަން ހަމަޖެހިފައި އޮތް މަޝޤވަރާތަކުގެ ދެވަނަ ބައްދަލުވުން ކެންސަލްކޮށްފި އެވެ.
ކުރިން ހަމަޖެހިފައި އޮތް ގޮތުން ބައްދަލުވުން ބާއްވަން ހަމަޖެހިފައި އޮތީ މިއަދު މެންދުރު ފަހު 03:00 ގައި އެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުން އެއްޗެއް ބުނެފައި ނުވާއިރު ޖޭޕީން ބުނީ މިއަދުގެ ބައްދަލުވުން ކެންސަލް ކުރި ސަބަބެއް ކަމަށް ރައީސް އޮފީހުން އަންގާފައިވަނީ ސަރުކާރުގެ ބައެއް އިސްވެރިން ރަށުގައި ނޫޅުއްވާތީ ކަމަށެވެ.
ޖޭޕީން ބުނީ ދެން މަޝްވަރާތައް އޮންނާނެ ދުވަހެއް މާދަމާ އަންގާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށެވެ.
ޖޭޕީއާ އެކު މަޝްވަރާގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިދިޔަ އަންގާރަ ދުވަހު ހަވީރު 3:00 ރައީސް އޮފީހުގަ އެވެ. ސަރުކާރުގެ ފަރާތުން މިނިސްޓަރު އަދީބާއި މުންދު އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ބައިވެރިވެވަައިގެންނެވިއިރު، ޖޭޕީ ތަމްސީލްކުރެެއްވީ ރިޔާޒުގެ އިތުރުން ދަގެނތި ދާއިރާގެ މަޖިލިސް މެމްބަރު އިލްހާމް އަހުމަދާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް އަދި މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދެވެ.
އެ ބައްދަލުވުމުގައި ކަނޑައަޅާފައި ވަނީ މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތާއި ބައިވެރިވާނެ ބޭފުޅުންނާއި ދެން ބައްދަލުވުމެއް ބާއްވާނެ ދުވަސް ފަދަ އަސާސީ ކަންތައްތަކެވެ. އެ ގޮތުން، މަަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އިސްކޮށް ހުންނަވާނެ ބޭފުޅަކަށް މިނިސްޓަރު އަދީބު ހަމަޖެއްސިއިރު، ޖޭޕީން ނިންމީ ރިޔާޒު އިސްކޮށް ބެހެއްޓުމަށެވެ.