ސަރުކާރާ ދެކޮޅަށް ރޭ ބޭއްވި މުޒާހަރާގައި 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ މުޒާހަރާ އިން ހައްޔަރުކުރީ ޖުމްލަ 12 ފިރިހެނުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވެސް ހިމެނިވަޑައިގަންނަވާ ކަމަށާ އެ އެންމެންވެސް އަދި ތިބީ ފުލުހުންގެ ބަންދުގައި ކަމަށެވެ.
ސަރުކާރުގެ އަނިޔާވެރިކަން ނިންމަން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އިސްވެ، އަދާލަތު ޕާޓީއާ ގުޅިގެން ކުރި މުޒާހަރާ ފެށީ ރޭ 8:45 ހާއިރު އާޓިފިޝަލް ބީޗް ކައިރީ ހުންނަ، އެމްޑީޕީގެ ހަރުގެ ކުރިމަތިންނެވެ. ކުރިއަށް އޮތް ތިން ދުވަހަށް ދިގު ދެމިގެން ދާނެ ކަމަށް ބުނެ ފެށި އެ މުޒާހަރާގައި ބައިވެރިން މައިގަނޑު ގޮތެއްގައި އިށީނދެ ތިބީ މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ކަންމަތީގަ އެވެ.
ސުލްހަވެރިކަމާ އެކު ކުރިއަށް ދިޔަ އެ މުޒާހަރާގައި ބޭނުންކުރަމުން ދިޔަ ސައުންޑް ސިސްޓަމްގެ އަޑު ކަނޑާލުމަށް ރޭގަނޑު 11:00 ޖެހުމުން ފުލުހުން އެންގި އެވެ. އެކަމަކު، މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ސައުންޑާއި ލައުޑް ސްޕީކަރު ބޭނުންކޮށްގެން ދޭތެރެ ދޭތެރެ އިން ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ގެންދިޔަ އެވެ. ކޮންމެ ފަހަރަކު ވެސް ފުލުހުން އައުމުން އެކަން ހުއްޓާލައި ފަހަތަށް ޖެހުމަށް ފަހު، ފުލުހުން ދިއުމުން އަނެއްކާ ވެސް ވާހަކަދައްކަން ފަށަ އެވެ.
ދަންވަރު 12:00 ޖެހުމުން ފުލުހުން މުޒާހަރާ ރޫޅާލީ، ކަރުނަގޭސް ޖަހައިގެންނެވެ. އެހެން ނަމަވެސް، އޭގެ ފަހުން ވެސް، ގާތްގަނޑަކަށް ފަތިހު 4:00 ޖަހަންދެން މުޒާހަރާގެ ބައެއް ބައިވެރިން މަޖީދީމަގު، އަތަމާ ޕެލަސް ކައިރި އަށް އެއްވެ ތިއްބެވެ. އެމްޑީޕީ އާއި އެހެން ބައެއް އިދިކޮޅު ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ވެސް އެންމެ ފަހު ވަގުތާ ޖެހެންދެން އެ ތަނުގައި ތިއްބެވި އެވެ.