މިދިޔަ މަހުގެ އެކެއްގައި އަދާލަތު ޕާޓީ އިސްވެ އޮވެ މާލޭގައި ބޭއްވި މުޒާހަރާގައި ގާނޫނާއި ގަވައިދާ ހިލާފު ކަންކަން ހިންގާފައިވާތީ، އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީ، އިލެކްޝަންސް ކޮމިޝަނުން މިއަދު ޖޫރިމަނާ ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި އެމްޑީޕީ ޖޫރިމަނާކުރީ 53،000ރ. އިންނެވެ. އަދިނއަދާލަތު ޕާޓީ ޖޫރިމަނާކުރީ 60،000ރ. އިންނެވެ.
އެ ފައިސާ ހަތް ދުވަސް ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ދެއްކުމަށް، އެ ދެ ޕާޓީއަށް އެ ކޮމިޝަނުން ވަނީ ސިޓީއަކުން އަންގާފަ އެވެ.
އެމްޑީޕީ އާއި އަދާލަތު ޕާޓީ ޖޫރިމަނާކުރީ ސިޔާސީ ޕާޓީގެ ގާނޫނުގެ ހަތްވަނަ މާއްދާ އާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާއާ ހިލާފުވާތީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އަދާލަތުން ޒިންމާވާ ގޮތަށް މޭ އެކެއްގައި ބޭއްވި މުޒާހަރާގައި، ސިޔާސީ ޕާޓީގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް، ފުލުހުންނަށް ހަމަލަދީފައިވާ ކަމަށެވެ. އަދި އާންމުންގެ މުދަލަށް ގެއްލުން ދިނުމާއި އަނިޔާވެރި އަމަލުތަކަށް ގޮވައިލުން ފަދަ ކަންކަން އެ މުޒާހަރާގައި ކޮށްފައިވާ ކަމަށް އިލެކްޝަންސް އިން ބުންޏެވެ.
މީގެ އިތުރުން ފުލުހުންނާއި އިލެކްޝަންސް ކޮމިޝަންގެ އެންގުންތަކަށް އެމްޑީޕީ އާއި އަދާލަތު ޕާޓީން ތަބާވެފައި ނުވުމަކީ ވެސް އެ ދެ ޕާޓީ ޖޫރިމަނާކުރި އެއް ސަބަބު ކަމަށް ކޮމިޝަނުގެ ސިޓީގައިވެ އެވެ.
އިލެކްޝަންސްއިން ވަނީ ކުރިޔަށް އޮތްތާ އެ ދެ ޕާޓީން ބާއްވާ މުޒާހަރާތަކާއި ސިޔާސީ ހަރަކާތްތައް ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދަން ނަސޭހަތްތެރިވެފަ އެވެ.
މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ ފެބްރުއަރީގައި ބޭއްވި މުޒާހަރާ އާއި ގުޅިގެންވެސް އެ ދެ ޕާޓީ ޖޫރިމަނާކޮށްފަ އެވެ.