ރާޢްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރަން ޖުމްހޫރީ ޕާޓީއާ އެކު ސަރުކާރުން މިއަދު މަޝްވަރާތައް ފަށައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މަންދޫބުންނާއި ޖޭޕީން ކަނޑައެޅި މަންދޫބުންނާ އެކު މަޝޤވަރާތަށް ފަށާފައިވަނީ މިއަދު މެންދުރު 03:00 ގައި ކަމަށެވެ.
މި މަޝަވްރާގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނަވަނީ ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް އިތުރުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދެވެ.
ސަރުކާާރާ އެކު މަޝްވަރާކުރަން ޖޭޕީން ކަނޑައެޅި މަންދޫބުންގެ ތެރެއިން ބައިވެރިވެރިވެވަޑައި ނުގަންނަވަނީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް އެކަންޏެެވެ. އަމީން މިވަގުތު ހުންނެވީ ރާޢްޖެއިން ބޭރުގަ އެވެ.
ސަރުކާރުގެ ފަރާތުން ޖޭޕީއާ އެކު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފްގެ އިތުރުން އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
މަޝްވަރާކޮށްގެން ކަންކަން ހައްލުކުރަން ސަރުކާރުން ދައުވަތު ދިނުމުން ޝަރުތަކާ ނުލައި އެއްބަސްވި ހަމައެކަނި ޕާޓީއަކީ ޖުމްހޫރީ ޕާޓީ އެވެ. މަޝްވަރާ ކުރިއަށް ގެންދާނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ކަމަށް އެމްޑީޕީން ބުނެފައިވާއިރު އަދާލަތު ޕާޓީގެ ހުށަހެޅުމަކީ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިވަން ކުރުމެވެ.
ރައީސް ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީތަކާ އެކު ކުރިއަށް ގެންދާ މަޝްވަރާތަކުގައި އެ ޕާޓީތަކުން ދައްކާ ވާހަކަ އިހްލާސްތެރިކަމާ އެކު ސަރުކާރުން އަޑުއަހާނެ ކަމަށެވެ. ގާނޫނާ ހިލާފުނުވެ، ސަރުކާރަށް ކުރެވޭނެ ވަރުގެ ކަންކަން ހުރި ނަމަ ”ވީވަރަކުން އެކަން ކޮށްދޭނެ“ ކަަމަށް ވެސް އެމަނިކުފާނު އިއްޔެ ވިދާޅުވި އެވެ.