ރެކޯޑު އަދަދަކަށް ރާއްޖެއަށް ޓޫރިސްޓުން ގެނައުމަށް ފަށާފައިވާ ކެމްޕޭންގައި ބޭނުންކުރާ ”ވިޒިޓް މޯލްޑިވްސް“ ލޯގޯ މޯލްޑިވިއަންގެ ފްލައިޓްތަކުގައި މިއަދު ޖަހަން ފަށައިފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެކަން ފައްޓަވައިދެއްވުމަށް ފަހު، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވި ގޮތުގައި ފޭސްތަކަކަށް ބަހާލައިގެން ރާއްޖޭގެ ހުރިހާ އެއާލައިންތަކެއްގެ ބޯޓުތަކެއްގައި ވެސް އެ ލޯގާ ޖަހާނެ އެވެ. އޭގެ ތެރޭގައި މެގަ މޯލްޑިވްސް އާއި ފްލައިމީގެ ބޯޓުތަކުގެ އިތުރަށް، ޓީއެމްއޭ އާއި މޯލްޑިވިއަން އިން އޮޕަރޭޓުކުރާ ސީޕްލޭންތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
”ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ބޭނުންކުރޭ މި ފްލައިޓުތައް. މިހާ ހިސާބުން ފެށިގެން ވެސް ވިޒިޓާސް އަށް އެނގޭނެ ތަފާތު ހަރަކާތްތަކެއް އެބަ ހިންގާކަން. މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،“ ޒިޔަތު ވިދާޅުވި އެވެ.
ރާއްޖެ އަށް މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެންނާއި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އައިޓީބީ ފެއާގެ އަންނަ އަހަރުގެ މެއިން ސްޕޮންސަރަކަށް ރާއްޖެ ހަމަޖައްސާފައިވާތީ ކުރިއަށް ގެންދާ ވިޒިޓް މޯލްޑިވްސް އިޔަ ކެމްޕެއިން މިދިޔަ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ފައްޓަވައި ދެއްވާފަ އެވެ.
މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މި މަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ގިނަ ހަރަކާތްތަކަކާއި އެކު އެވެ.
ވިޒިޓް މޯލްޑިވްސް ކެމްޕެއިންގެ ދަށުން އަންނަ އަހަރު ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް ވަނީ އަމާޒު ހިފާފަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 1.2 މިލިއަން ޓޫރިސްޓުންނެވެ. މި އަހަރު އަމާޒު ހިފާފައި ވަނީ 1.4 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމަށެވެ.