ފޮޓޯ: އޭސީސީ
ފޮޓޯ: އޭސީސީ

ފުލުހުންތަކެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީއަށް ހުށަހަޅައިފި

ފުލުހުންގެ ބަންދުގައި ދޫނިދޫގައި ތިބި ބަޔަކު ލައްވައި، މަސައްކަތް ކުރުވައިގެން ފައިސާ ހޯދައި، ބަންދުގައި ތިބި ބައެއް މީހުންނަށް ގަވާއިދާ ހިލާފަށް އިނާޔަތްތައް ދިން މައްސަލައިގައި ހަ ފުލުހެއްގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައިގައި ދައުވާކުރަން ފޮނުވީ ސަބް އިންސްޕެކްޓަ އޮފް ޕޮލިސް މުޖުތަބާ ޒާހިރާއި ޕޮލިސް ސްޓޭޝަން އިންސްޕެކްޓާ އަބްދުﷲ ވަހީދާއި ޗީފް ސްޓޭޝަން އިންސްޕެކްޓާ އަބޫބަކުރު އަލީގެ އިތުރުން ޗީފް ސްޓޭޝަން އިންސްޕެކްޓާ މައުމޫން ޖައުފަރުގެ މައްޗަށާއި ސާޖަންޓް އާތިފް ނައީމާއި ސުޕްރިޓެންޑެންޓް ހުސައިން ރަޝީދުގެ މައްޗަށެވެ.

އޭގެ ތެރެއިން މުޖުތަބާގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ހަތަރު ދައުވާއެއް ކުރަން ފޮނުވާފައިވާއިރު އަބްދުﷲ ވަހީދާއި އަބޫބަކުރުގެ އިތުރުން މައުމޫން ޖައުފަރާއި އާތިފާއި ހުސައިން ރަޝީދު ކުރެން ކޮންމެ މީހެއްގެ މައްޗަށް ކޮރަޕްޝަންގެ އެއް ދައުވާކުރަން އޭސީސީން އެދެ އެވެ.

މުޖުތަބާގެ މައްޗަށް ދައުވާކުރަން ފޮނުވީ ބަންދުގައި ތިބި ބައެއް މީހުން ގަވާއިދާ ހިލާފަށް ގޮޅިން ނެރެ، ދޭން ނުޖެހޭ ހިދުމަތްތައް އެ މީހުންނަށް ދީފައިވުމާއި ބަންދުގައި ތިބި ބައެއް މީހުން ލައްވައި މަސައްކަތް ކުރުވައިގެން ލިބުނު ފައިސާގެ ބައެއް އަތުލާފައިވުމާއި ކުރި ހަރަދުގެ ތަފްސީލުތައް ހިމަނާފައިނުވާތީ އެވެ.

އަބްދުﷲ ވަހީދާއި އަބޫބަކުރާއި މައުމޫނާއި އާތިފްގެ މައްޗަށް ދައުވާކުރަން ފޮނުވީ ގަވާއިދާ ޚިލާފަށް މީހުން ގޮޅިން ނެރުމުގައްޔާއި އެ މީހުންނަށް އިތުރު އިނާޔަތްތައް ދިނުމުގައްޔާއި ދޫނިދޫން ލިބުނު ތަކެތި ވިއްކުމުގައި މުޖުތަބާއަށް އެހީތެރިވެފައިވާތީ ކަމަށް ބުނެ އެވެ. އަދި ތަހުގީގުގައި ދެ ފަހަރު ދެ ގޮތަށް ބުނި ކަމަށް ބުނެ އާތިފްގެ މައްޗަށް ދޮގު ހެކި ދިނުމުގެ ދައުވާ ވެސް ކުރަން ވަނީ ފޮނުވައިފަ އެވެ.

ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމެންޓްގެ ހެޑަކަށް ހުންނެވި ހުސައިން ރަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވީ އޭރު ދޫނިދޫގެ އެންމެ އިސް ވެރިއަކަށް ހުރި މުޖުތަބާގެ އަމުރަށް ބަންދުގައި ތިބި މީހުން ލައްވައި، މަސައްކަތް ކުރުވިކަން އެނގި ހުރެ އެކަން ހުއްޓުވާފައި ނުވާތީ އެވެ.

އެ މީހުންގެ އިތުރުން އެ މައްސަލައިގައި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ އިސް ވެރިންގެ ގޮތުގައި ތިބި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުލްމަންނާނު ޔޫސުފާއި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އިލްޔާސް ރިޔާޒާ މެދު ފިޔަވަޅު އަޅަން ވެސް އޭސީސީން ވަނީ ފުލުހުންނަށް އަންގައިފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *