މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިއަދު އިއުލާން ކުރި އެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން އެ އިންތިޚާބު ކާމިޔާބު ކުރެއްވި ޕީޕީއެމްގެ ކެންޑީޑޭޓު އަހްމަދު ފާރިސް މައުމޫނަށް 1238 ވޯޓު ލިބިފަ ވެއެވެ. އެއީ ވޯޓުލީ މީހުންގެ 59.40 ޕަސެންޓެވެ.
ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް މ. މަޑުއްވަރީ ކާނިގޭ އަހްމަދު ރާޒީ އަށް ލިބިވަޑައިގަތީ 763 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 36.61 ޕަސެންޓެވެ.
އެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވި ދެ ބޭފުޅުންގެ ތެރެއިން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނައިބު ރައީސް މޫސާ ނަސީރު އަހްމަދަށް ލިބިވަޑައިގަތީ 31 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 1.49 ޕަސެންޓެވެ.
އަމިއްލަގޮތުން ވާދަކުރެއްވި މ. މަޑުއްވަރީ ހީރޯސް ޝަމީމް އަލީ އަށް 52 ވޯޓު ލިބިވަޑައިގަތްއިރު އެއީ ވޯޓުލީ މީހުންގެ 2.50 ޕަސެންޓެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި 2107 މީހަކު ވޯޓުލާފައިވާއިރު އޭގެތެރެއިން 23 ވޯޓަކީ ބާތިލް ވޯޓެވެ.