ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

ޒުވާނުންނަށް ހޭދަ ކުރާތީ ފާޑު ކިޔާ ފަރާތްތަކަށް ރައީސް ޔާމީން ރައްދު ދެއްވައިފި

ސަރުކާރުން ޒުވާނުންނަށާއި ޒުވާނުން ކުޅޭ ކުޅިވަރުތަކަށް ހޭދަކުރާތީ އެކަމަށް ފާޑު ކިޔާ ފަރާތްތަކަށް ރައީސް ޔާމީން ރައްދު ދެއްވައިފި އެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ”މި ހުރިހާ ހޭދައެއް ކޮށްގެން ދިވެހި ޒުވާނުން ބައްޓަން ކުރުމާ ދުޅަހެޔޮ ސިއްހަތެއްގަ ބޭތިއްބުމަށް މިކުރާ މަސައްކަތާ އަދި މަލީހާ ކުރެވުނު ސުވާލު ކުރެވުނު ނަމަ ބުނާނީ އާނއެކޭ“ ކަމަށެވެ.

އަދި ޒުވާނުންނަށް އެންމެ ފުރަތަމަ ބޭނުންވާ ކަމަކީ ދުޅަހެޔޮ ސިއްހަތެއް ކަމަށާއި އެހެންކަމުން ސަރުކާރުން އަދި ޔޫތު މިނިސްޓްރީން ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަށްޓަކައި ދިވެހި ޒުވާނުންނަށް ބޭނުންވާ އިންފްރާ ސްޓްރަކްޗާ މިއަދުވެސް މާދަމާވެސް އަދި އަނެއް ދުވަހުވެސް ގާއިމް ކޮށްދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

”އިންސާނަކަށް ލިބޭ އެންމެ ބޮޑު ނިއުމަތަކީ ބުއްދީގެ ނިއުމަތް، ސަލާމަތް ބުއްދިއެއް ނޫނިއްޔާ ސިއްހަތު ރަނގަޅު ބުއްދިއެއް ހުންނާނީ ދުޅަހެޔޮ ހަށިގަނޑެއްގަ، ދުޅަހެޔޮ ހަށިގަނޑެއް ނެތް މީހެއްގެ ސިކުނޑިއަކީ އަބަދުވެސް އޭނާގެ ބަލިތަކާ ދޭތެރޭ ވިސްނާ ފިކުރު ކުރަން ޖެހޭނެ، އޭގެ ސަބަބުން އިތުރު ބަލި އުފެދެމުން ދާނެ، އެހެންވީމާ ކީއްވެގެންތޯ ޒުވާނުންގެ ސިއްހަތު ދުޅަހެޔޮ ސިއްހަތަކަށް ހެދުމަށް ސަރުކާރުން ހަރަދު ނުކުރަންވީ“ ރައީސް ޔާމީން ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ސިކުނޑީގެ ބޭނުން ހިފަން ބޭނުންވަނީ މިދެންނެވި ލީޑާޝިޕާ އަދި މަގުން ކައްސާލައިގެންދާ ޒުވާނުން ހަމަމަގަށް އެޅުވުމަށާ ދައުލަތް ބިނާ ކުރުމުގަ އެމީހުންގެ ހިއްސާ އިތުރު ކުރަން ކަމަށް ވާއިރު މީ ސިކުނޑީގެ މަސައްކަތަކީ މިސާލު ދައްކައިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

އަދި މިކަން ކުރަން ދުޅަހެޔޮ ސިއްހަތެއް ހުރުމަކީ ލާޒިމް ކަމެއްކަމަށާއި ޒުވާނުންގެ ކުޅިވަރަށް ސަރުކާރުން އެހާބޮޑު ހޭދައެއް ކުރަނީ އެހެން ވެގެން ކަމަށާއި ފުރިހަމަ ސިކުނޑިއެއް ހުންނަ ކަމަށްވަންޏާ ފުރިހަމަ ސިކުނޑިއެއް ހުންނާނީ ދުޅަހެޔޮ ހަށިގަނޑެއްގައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *