ޖެކް ރީޑް އަދި މެކެއިން --
ޖެކް ރީޑް އަދި މެކެއިން --

ރާއްޖެއަށް ފިއްތުންތައް ކުރިމަތިކުރަން ސެނެޓްގެ ދެ މެމްބަރަކު އެމެރިކާ ސަރުކާރުގައި އެދިއްޖެ

ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުރި ފުރުސަތުތައް ބަންދުވަމުން ދާތީ ދެކުނު އޭޝިއާގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް ގެއްލުން ވަމުންދާ ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރަށް ވަރުގަދަ މެސެޖެއް ދިނުމަށް އެމެރިކާގެ ނުފޫޒު ގަދަ ދެ ސެނެޓަރަކު އެ ގައުމުގެ ސަަރުކާރަށް ގޮވާލައްވައިފި އެވެ.

އެމެރިކާގައި 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ޖޯން މެކެއިން އާއި ޖެކް ރީޑް އެ ގޮތަށް ގޮވާލައްވާފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ އާއި ސެކްރެޓަރީ އޮފް ޑިފެންސް އެޝްޓަން ކާޓާ އަށް މިދިޔަ ހަފުތާގައި ފޮނުއްވި ސިޓީއެއްގަ އެެވެ.

މެކެއިންގެ ރަސްމީ ވެބްސައިޓުގައި އެ ސިޓީ ވަނީ މިއަދު އާއްމުކުރައްވައިފަ އެވެ. އެ ސިޓީގައި އޭނާ އާއި ރީޑް ނެންގެވި މައްސަލަތަކަކީ ”އުސޫލުތަކުގެ ބޭރުން ހިންގި ޝަރީއަތްތަކަކުން“ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ބައެއް ސިޔާސީ ބޭފުޅުން ޖަލަށް ލުމާއި އެ ބޭފުޅުން ތިއްބަވާ ޖަލުގެ ގޮޅިތަކުގެ ހާލަތު އަދި މިދިޔަ މަހުގެ އެކެއް ގައި ”ސިޔާސީ ކުށްވެރިން ދޫކޮށްލަން ގޮވާލައި“ ކުރި މުޒާހަރާގެ ބައިވެރިންނާ ”ރަޔަޓް ގިޔަރުގައި ތިބި ފުލުހުން، ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުންކޮށްގެން ކުރިމަތިލައި“ 100 އެއްހާ މީހުން ހައްޔަރުކުރުމެވެ.

އެދެބޭފުޅުން ވިދާޅުވި ގޮތުގައި، އެކަންކަމުގެ އަސަރު ދަނީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށާއި އިންސާނީ ހައްގުތަކުގެ ހާލަތުގެ އިތުރަށް ދެކުނު އޭޝިއާގައި ހުރި އެމެރިކާގެ ސަލާމަތީ މަސްލަހަތުތަކަށް ކުރަމުންނެވެ. އަދި ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮންނަ ހާރިޖީ ގުޅުމާއި އަސްކަރީ ގުޅުމަށް ވެސް ވަރަށް ބޮޑެތި އަސަރުތަކެއް ކުރިމަތިވަމުންދާ ކަމުގެ އިންޒާރު އެ ދެ ބޭފުޅުން ދެއްވި އެވެ.

އެހެންވެ، މެކެއިން އާއި ރީޑް ވަނީ މައިގަނޑު ހަތަރު ކަމެއް ކުރެއްވުމަށް ކެރީ އާއި ކާޓާގެ އަރިހުން އެދިވަޑައިގެންފަ އެވެ. އެއީ ދިވެހި ސަރުކާރާ އެކު ސްޓޭޓް ޑިޕާޓްމަންޓުގެ އިސް ވެރިންގެ ލެވެލްގައި މަސައްކަތް ކުރެއްވުމަށާއި ޑިމޮޮކްރެޓިކް އުސޫލުތައް އަދި ގާނޫނުގެ ހުކުމް ދެމެހެއްޓުމަށް ބާރުއަޅައި ރާއްޖެ އަށް ”ވަރުގަދަ މެސެޖެއް“ ދެއްވުމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުއާ އެކު ރާއްޖެ އިން ބާއްވަމުންދާ ގުޅުމަށް ”ސީރިއަސް މައްސަލަތަކެއް“ ކުރިމަތިވެފައިވާކަން ހާމަކޮށްދިނުމަށް، އިންޑިއާ އާއި އެ ނޫން ވެސް ޑިމޮކްރެޓިކް ގައުމުތަކާ ގުޅިގެންނާއި އެމެރިކާ ވަކިން ވެސް މަސައްކަތް ކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން، މެކެއިން އާއި ރީޑް ވަނީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކަންކަމަށް ކުރާ ހަރަދުތަކާ ބެހޭ ބިލަށް، ރާއްޖޭގެ މަސްރަހާ ގުޅުވައިގެން ހާއްސަ އިސްލާހެއް ވެސް މިއަދު ހުށަހަޅުއްވާފަ އެވެ. ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން މިދިޔަ މަހު ފާސްކޮށް، ސެނެޓަސް ފޮނުވުމުން، ސެނެޓުގެ އާމްޑް ފޯސަސް ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ ނެޝެނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓް 2016 އަށް މި ހަފުތާގައި ސެނެޓުގައި ވޯޓަށް އަހާނެ އެވެ.

އެކަމަކު އެ އިސްލާހާ ގުޅޭ ތަފްސީލެއް މެކެއިން އާއި ރީޑް ވެސް ނުދެއްވަ އެވެ. އެ ދެ ބޭފުޅުން ހަމައެކަނި ވިދާޅުވީ އެއީ ނަޝީދާއި ސިޔާސީ ކުށްވެރިން ދޫކޮށްލުމާއި ހުރިހާ ދިވެހިންނަށް އިންސާނީ ހައްގުތައް ކަށަވަރުކުރުމާ ގުޅޭ ގޮތުން ކޮންގްރެސްގެ ޝުއޫރު ހުރި ގޮތް ހާމަވާނެ އިސްލާހެއް ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *