އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއެކު މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި މަޝްވަރާތައް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އަތޮޅު ތެރޭގެ ފަސް ކައުންސިލަރަކާއި އިތުރު ބަޔަކު ޕީޕީއެމަށް ސޮއިކުރުމަށް މިއަދު މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޖޭޕީއާއެކު މަޝްވަރާތައް ފެށުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ނިންމަމުންދާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީ އާއި އަދާލަތާ އެކު މަޝްވަރާކުރަން ވެސް ސަރުކާރުން ބޭނުންވާ ކަަމަށެވެ. ނަމަވެސް ކުރިން ސަރުކާޜުން ހާމަކޮށްފައިވާ ގޮތަށް އެ ދެ ޕާޓީން މަޝްވަރާކުރުމަށް ހުށަހެޅި ބޭފުޅުންގެ ތެރޭގައި ޖަލުގައި ތިއްބެވި ބޭފުޅުން ހިމަނުއްވާފައިވާތީ އެ ބޭފުޅުންނާ މަޝްވަރާ ނުކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީ އާއިއެކު ކުރާ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަކީ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަބްދުލްޣަފޫރާއި، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް އާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ.
ޖޭޕީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނަވަނީ އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމާއި، ނައިބު ލީޑަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި، ޕާލިމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، މަތިވެރީ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދެވެ.
ސަރުކާރުން ބުނީ އިދިކޮޅު ޕާޓީތަކާއި މަޝްވަރާކުރާނީ މައިގަނޑު ތިން ކަމެއްގައި ކަމަށެވެ. އެގޮތުން މަޝްވަރާކުރާނީ ސިޔާސީ ގޮތުން ރާއްޖޭގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވާލުމަށް ގާނޫނީ ނިޒާމުގެ ތެރެއިން ހައްލު ހޯދައިދީ އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުންނާއި ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ދުސްތޫރީ ނިޒާމަށާއި އަދި ޝަރުއީ ނިޒާމް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި ގައުމު ތަރައްގީކޮށް ބިނާކުރުމަށްޓަކާ ކުރަންހުރި މަސައްކަތްތަކާއި ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެމްޑީޕީއާ ޖޭޕީ އަދި އަދާލަތު ޕާޓީއާ މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެޕާޓީތަކަށް ރަސްމީކޮށް ދައުވަތު ފޮނުއްވީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު އެވެ.