ހއ. ހޯރަފުށީ ނޫރީގޭ އަހުމަދު އަރުހަމް މަރާލުމުގެ ދައުވާ ލިބޭ މީހުންގެ ތެރޭގައި ހިމެނޭ މ. ސީނަރީ ވިއު އާތިފް ރަޝީދު، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކުރަން މިއަދުގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ޕީޖީގައި އެދިފައިވަނީ ފުލުހުންނެވެ.
މެއި، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި އަރުހަމް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށް އެ މައްސަލައިގެ ދައުވާ ލިބޭ ހަތަރު މީހުންގެ ތެރޭގައި ހިމެނޭ އާތިފް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން މިނިވަންކުރީ ކޮން ސަބަބަކާ ހެދިކަމެއް ނޭނގެ އެވެ.
އާތިފް ބަންދުން ދޫކޮށްލާފައިވަނީ އެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރިތާ ހަފުތާއެއް ނުވަނީހެވެ. ކުރިން ގާޒީ މުހުތާޒު ފަހުމީ އެ މައްސަލަ ބައްލަވަމުން ގެންދަވަނިކޮށް އޭނާގެ އަތުން އެ މައްސަލަ ނެގުމަށް ފަހު އެ މައްސަލަ މިހާރު ބައްލަވަނީ ގާޒީ އަބްދުﷲ ދީދީ އެވެ.
އާތިފް ދޫކޮށްލަން ނިންމެވީ ގާޒީ އަބްދުﷲ ދީދީ އެވެ.
އަރުހަމްގެ މަރާ ގުޅިގެން އާތިފްގެ އިތުރުން ދައުލަތުން ދައުވާކުރަނީ ގއ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާނާއި ލ. މާވަށު އެވާ ބްލޫގޭ މުހައްމަދު ވިސާމާއި އެ ރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ މައްޗަށެވެ.