މިއަހަރުގެ ރޯދަމަހާއި ދިމާކޮށް އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް އުމްރާ ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިއަހަރުވެސް އުމްރާ ވިސާ ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.
ކުންފުނިތަކާއި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރޯދަ މަހު އުމްރާއަށް ދާން 1200 މީހުން ވަނީ ފައިސާ ދައްކާފަ އެވެ.ރާއްޖެއިން މިއަހަަރު އުމްރާއަށް ގެންދަން ހުއްދަ ދޫކޮށްފައިވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން ޒަމްޒަމް އާއި އަސްކޮއި އިންވެސްޓްމަންޓާއި އަލް ހައިރާއި އައްސަފާގެ އިތުރުން ސިސިލްފަރަށެވެ.
މި ފަސް ކުންފުންޏަށްވެސް ވިސާ ހަމަޖެހިފަނުވާއިރު ހައްޖު ކޯޕަރޭޝަނަށްވެސް އަދި ވަނީ ވިސާ ހަމަޖެހޭ ގޮތް ނުވެފަ އެވެ.
ރާއްޖެއިން އުމްރާއަށްދާ މީހުންނަށް ވިސާ ހޯދަނީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް (އަޔާޓާ)ގެ ލައިސަަންސް ރާއްޖޭގައި ދޫކޮށްފައި އޮންނަ ހަމައެކަނި ކުންފުނި ސީޕްރިއާ މެދުވެރިކޮށެވެ. ނަމަވެސް 2013 ވަނަ އަހަރުން ފެށިެގން އަޔާޓާގެ ހުއްދަ ނުލިބިގެން އެ ކުންފުނި މެދުވެރިކޮށް ވިސާ ނެގޭގޮތް ވަނީ ނުވެފަ އެވެ.
ރާއްޖެއިން މިދިޔަ އަހަރު އުމްރާއަށް މީހުން ގެންދިޔައީ އަޔާޓާގެ ހުއްދަ އޮންނަ ސްރީލަންކާގެ ކުންފުނިތައް މެދުވެރިކޮށް ބޮޑު އަގުގައި ވިސާ ނަގައިގެންނެވެ.
މިއަހަރު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބިފައިވާ ބައެއް ކުންފުނިތަކުން ބުނީ އަޔާޓާގެ ހުއްދަ އޮންނަ ލަންކާގެ ކުންފުނިތައް މެދުވެރިކޮށް ވިސާއަށް އެދިފައިވާނެ ކަމަށާއި ނަމަވެސް އެގައުމަށް އެހެން އަހަރުތަކަށްވުރެ މަދުން ކޯޓާ ދޫކޮށްފައިވާތީ މިއަހަރު ވިސާ ހޯދަން ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.
ބައެއް ކުންފުނިތަކުން ބުނީ މިއަހަރުވެސް ވިސާ ލިބޭނެކަމަށް ލަފާކުރެވެނީ މދިިޔަ އަހަރަށްވުރެ ބޮޑުއަގުގައި ކަމަށާއި ވިސާ ނުލިބިއްޖެނަމަ ކުންފުނިތަކަށް ގެއްލުންވާނެ ކަމަށެވެ.
ވިސާ ލިބުމުގައި ދަތިތަކެއް ދިމާވެފައިވާއިރު ސައުދީ ސަރުކާރާއި ވާހަކަ ދައްކައިގެން އުމްރާ ވިސާ ހޯދުމުގައި ލުއިތަކެއް ހޯދަން އިސްލާމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.