ޒުވާނުންނަކީ ގައުމުގެ ނާ އަނބުރާލެވޭ ވަރުގެ ބާރެއް ކަމަށާއި ޒުވާނުންގެ ހަކަތަ ހާނަން ޖެހޭ ކަމަށާއި ބޭނުންވާ ކަންކަމުގަ ޒުވާނުން ދޯޅު ކުރަން ޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނަކީ ގައުމު ބިނާ ކުރުމުގަ އެންމެ މުހިންމު އަސާސު ކަމަށެވެ. އަދި ޒުވާނުންގެ ހަކަތައަކީ ގައުމު ކުރިއަށް ގެންދިއުމުގެ ޑައިނަމޯ ކަމަށެވެ.
”ވަޒީފާގެ ފުރުސަތު ބޭޏުން ހިފަން ތައްޔާރަށް ހުރި ޒުވާނެއް ވެއްޖެއްޔާ މިހާރުން މިހާރަށްވެސް ވަޒީފާގެ ފުރުސަތު މިހާރުން މިހާރަށްވެސް ކަށަވަރު އެބަވޭ، އެ ވަޒީފާއެއްގަ ދެމި ހުރުމުގެ ހިތްވަރު ހުންނަން ޖެހޭ“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ 2000 މީހުންގެ އާބާދީ އުޅޭ ކޮންމެ ރަށެއްގައި މިއަހަރާ މިއަހަރުގެ ނިޔަލަށް ސްޕޯޓްސް އެރީނާތައް ގާއިމް ކުރެވޭނެ ކަމަށެވެ. އަދި އެއީ އެތަނަކުން ޒުވާނުންނަށް ހުރިހާ ކުޅިވަރެއްވެސް ކުޅެވޭނެ ފަދަ ތަންތަނަށް ވެގެން ދާނެ ކަމަށް ވިދާޅުވިއެވެ. އަދި 2000 މީހުންގެ އާބާދީ ހަމަ ނުވާ ރަށްރަށުގައިވެސް މިވެރިކަމުގަ ޒުވާނުންނަށް އެފަދަ ތަންތަން ތައްޔާރު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
”ބަޖެޓްގައި ޒުވާނުންނަށް 300 މިލިއަން ރުފިޔާ ކަނޑައެޅުން އެއީ ކުރެވޭ ހަރަދެއް ނޫން، އަޅުގަނޑު ގަބޫލު ކުރަނީ އެއީ ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ކުރެވޭ ހޭދައެއް ކަމަށް ތައުލީމާއި ސިއްހީ ދާއިރާއިން ސްކޮލަޝިޕަށް ދާނީވެސް ހަމަ ޒުވާނުން، އެހެން ކަމުން ދައުލަތުގެ ބަޖެޓްގެ ބޮޑު ބައެއް ދާނީ ޒުވާނުންނަށްޓަކައި“ ރައީސް ޔާމީން ވިދާޅުވިއެވެ. .
ރައީސް ޔާމީން ވިދާޅުވީ މިހާރު ކަންތއްތައް ހުރި ގޮތުންނާއި ޒުވާނުންގެ ލޮއިފް ކަމުން ކުށްތަކަށް ޒުވާނުންނަށް އަރައިގަތުމަކީ ވަރަށް ފަސޭ ހަ ކަމެއް ކަމަށެވެ. އަދި އެފަދަ ޒުވާނުންވެސް ބާކީ ނުކޮށް ކޮންމެވެސް ގޮތަކުން ގައުމު ބިނާކުރުމުގަ ބޭނުން ކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
”ޒުވާނުންނަށް ވިސްނާލާއިރު ޖެނެރޭޝަން ޔޫ އަކީ ރާއްޖެއާ ބީރަށްޓެހި ކަމެއް، ސަރުކާރުން އެ ގަބޫލެއް ނުކުރާނެ، ރާއްޖޭގައި ޒުވާނުންނަށް ފުރުސަތުތައް އެބަހުރި، މި ސަރުކާރަކީ ޒުވާނުންގެ ސަރުކާރެއް“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިއަދުގެ ޒުވާނުންނަކީ ހަމައެކަނި މާދަމާގެ މުސްތަގްބަލް ނޫން ކަމަށެވެ. އަދި ޒުވާނުންނަކީ މއަދުގެވެސް އަދި މާދަމާގެ ވެސް އަދި އަންނަން އޮތް ދުވަހުގެ މުސްތަގްބަލް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.