މ. ދިއްގަރަށް ދާން މާލެ އިން ފުރަން އުޅެނިކޮށް، މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ފުލުހުން ހިފެހެއްޓި ބޯޓު މިއަދު ދޫކޮށްލައިފި އެވެ.
ބައި އިލެކްޝަންގައި ވޯޓުލާން ދާން އުޅުނު ބަޔަކު ވެސް ގޮވައިގެން، މާލޭ އުތުރު ފަރާތު ބަނދަރުން ފުރަން އުޅުނު ”ރޯޔަލް 10“ ބޯޓު ރޭ ދަންވަރުގެ ވަގުތެއްގައި ހިފަހައްޓާފައި ވަނީ އޭގައި މަސްތުވާތަކެތި ހުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން ކަމަށް ފުލުހުން ބުންޏެވެ. އެ ވަގުތު ބޯޓު ޗެކުކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށުގައި އެ ބޯޓު ބާއްވާފައި އޮތީ އިތުރަށް ބަލަންޖެހޭ ކަމަށް ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކުއްތާ ބޭނުންކޮށްގެން މިއަދު ހެނދުނު ބޯޓު އަލުން ބެލުމަށް ފަހު މިހާރު ވަނީ އެ ބޯޓު ދޫކޮށްލާފަ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ބޯޓުން މަސްތުވާތަކެތި ފެނިފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ”ރޯޔަލް 10“ ބޯޓު އޮތީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑެޓް އަހުމަދު ރާޒީ ކުއްޔަށް ހިފާފަ އެވެ. އެ ބޯޓުން މިއަދު ކުރިޔަށްދާ އިންތިހާބުގައި ވޯޓުލާން ދާން އޮތީ ހަމަޖެހިފަ އެވެ.
އެ ބޯޓަށް ފުރޭގޮތް ނުވުމުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލުމަށް އެބޯޓުން ދަތުރު ކުރުމަށް ހަމަޖެހިފައިވާ މީހުންވަނީ މިއަދު ހެނދުނު ލޯންޗެއްގައި އެ ދާއިރާއަށް ގޮސްފައެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލުން މިއަދު ހެނދުނު 8:00 ފެށިގެން ކުރިއަށް އެބަދެ އެވެ.