ޝާރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔާން ހާން ބޮލީވުޑަށް ނުކުންނަން އުޅޭ ކަމުގެ ވާހަކަތައް ދެކެވެން ފަށައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުން ބޮލީވުޑްގައި މިހާތަނަށް ކާމިޔާބު ސިލްސިލާތަކެއް ނެރެމުން އަންނަ ”ދޫމް“ ގެ ހަވަނަ ބައިން އާރްޔާން ހާން ފެންނާނެ ކަމަށް ވަނީ ބެލެވިފައި އެވެ. ރިތިކް ރޯޝަންއާއި، އާމިރް ހާން ދޫމްގެ ސިލްސިލާތަކުގައި މުހިންމު ރޯލްތަކެއްކުޅެފައިވާ ފަދައިގެން ކުރިޔަށް އޮތްތާ ސަލްމާން ހާންއާއި ޝާރުކް ހާން އަދި އާރްޔާން ހާން ލައްވާ ދޫމް ކުޅުވުމަކީ ޑައިރެކްޓާ ބޭނުންވާ ކަމެއްކަމަށް އެ ފިލްމްގެ ޑައިރެކްޓާ އަދިތްޔާ ޗޯޕްރާ އާއި ގާތް ގުޅުމެއް އޮންނަ މީހަކު މީޑިއާގައި ބުނެފައި ވެއެވެ.
އެހެން ނަމަވެސް ދޫމް 6 ނެރެވެން އޮތީ އަދި ވަރަށް ދުވަސް ފަހުންނެވެ. އެއީ ޝާރުކް ހާން އޭނާގެ ދަރިފުޅު ފިލްމީ ދާއިރާއަށް އަދި ނެރެން ބޭނުން ނުވާތީ އެވެ. މިމަހު 13 ވަނަ ދުވަހު އުމުރުން 17 އަހަރު ވެފައިވާ އާރްޔާން ބޮލީވުޑަށް ނުކުތުމަށް ޝާރުކް ބޭނުން ވަނީ 21 އަހަރު ވުމުންނެވެ. ޝާރުކް މިހާރު ބޭނުންވަނީ އޭނާ ކިޔަވާށެވެ. އާރްޔާން ކިޔަވަނީ އިނގިރޭސިވިލާތުގައި އެވެ.
މިހާތަނަށް ދޫމް ސިލްސިލާގެ 3 ފިލްމް ނެރެފައިވާއިރު، އާރްޔާންގެ ބައްޕަ ޝާރުކް ހާން ވަނީ ދޫމް 4 ކުޅުމަށް ޝައުގުވެރިވާކަމަށް ބުނެފައި އެވެ. ދޫމް 6 ކޯޕްރޮޑިއުސް ކުރާނެ ކަމަށްވެސް ބެލެވިފައިވަނީ ޝާރުކް ހާން އެވެ.
އާރްޔާން ލައްވާ ފިލްމެއް ކުޅުވަން ބޭނުންވާކަން މަޝްހޫރު ޑައިރެކްޓަރެއް ބުނިނަމަވެސް ބައްޕަ ރަސްކަން ކުރަމުންދާ ބޮލީވުޑަށް އޭނާގެ މާބޮޑު ޝައުގުވެރިކަމެއް ނެތްކަން ޝާރުކް ވަނީ ދާދިފަހުން ބުނެފައި އެވެ. ޝާރުކް ބުނީ ބޮލީވުޑަށް މާބޮޑު ޝައުގުވެރިކަމެއް އާރްޔާން ހުންނަހެން ހީނުވާ ކަމަށެވެ. އެއީ ހިންދީ ފިލްމު ބެލުމަކީ އޭނާ މާކުރާ ހިތްވާ ކަމަކަށް ނުވާތީ އެވެ. ޝާރުކް ހާން ކުޅޭ ގިނަ ފިލްމުތައްވެސް އޭނާ ނުބަލާއިރު، ޝާރުކް ވަނީ އޭނާ ކުޅުނު މަޝްހޫރު ފިލްމްތަކުގެ ތެރޭގައި ހިމެނޭ ”ޗެންނާއީ އެކްސްޕްރެސް“ ވެސް އާރްޔާން ނުބެލިކަން ފާހަގަކޮށްފައި އެވެ.